މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އެކި ބިލްތަކާއި މައްސަލަތަކުގައި ގޮތް ނިންމުމަކީ މަޖިލީހުގެ ރިޔާސަތުން ނުވަތަ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުން ސަރުކާރު ހިންގާ ޕީއެންސީއަށް ދީފައިވާ ސާފު އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ކަނޑާ ވިތުހޯލްޑިން ޓެކްސްގެ ރޭޓު ދެގުނައަށް ބޮޑުކުރުމަށްޓަކައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ، އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ސަރުކާރުން ބޭނުންވާ ބިލުތައް މަޖިލީހުން އަވަސްއަރުވާލައިގެން ފާސްކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، މަޖިލީހުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ކޮމިޓީގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުންނާއި ކޮމިޓީތަކުން ވަކި ގޮތަކަށް ކަންކަން ނިންމުމަށް ރިޔާސަތަށް އަމާޒުކޮށް ވާހަކަ ދެއްކެވި ނަމަވެސް، އެއްވެސް ބިލަކާމެދު ރިޔާސަތުން އަމިއްލައަށް ގޮތް ނުނިންމާނެ ކަމަށެވެ. އެގޮތުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދިނުމަށް ރައްޔިތުން ނިންމާފައިވަނީ ވަކި މަގުސަދެއް އޮވެގެން ކަމަށާއި، މަޖިލީހުން ފާސްކުރާ ކޮންމެ ނިންމުމަކީ މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހު ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ނިންމުންތަކަކީ ރައީސް ޑރ. މުއިއްޒު ނުވަތަ މަޖިލީހުގެ ރައީސް ބޭނުންފުޅުވެގެން ނިންމާ ކަންތައްތަކެއްގެ ގޮތުގައި ދެއްކުމަކީ ސީދާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދީގެން އިންތިހާބުކޮށްފައިވާ އަޣުލަބިއްޔަތުން ނިންމާ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ތާއީދު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހުގެ އެންމެހައި މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ގަވާއިދާ ހިލާފު ކަމެއް ހިނގާނަމަ އިދާރީ މޭޒުގައި ތިއްބަވާ ގާނޫނީ ޓީމުން އެކަން ފާހަގަކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް ރިޔާސަތުން އެފަދަ އެއްވެސް ގޯހެއް ހަދާފައިވާކަމަށް މަޖިލީހުގެ ސެކްރެޓޭރިއަޓުން އަންގާފައި ނުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ހަގީގަތާ އެއްގޮތަށް ކަންކަން ހާމަކުރުމަށް ހުރިހާ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު