ގައުމީ އެއާލައިން، މޯލްޑިވިއަންއިން ފަތުރުވެރިންނަށް މިހާރު ޓިކެޓު ވިއްކާ އަގު މުރާޖަޢާކޮށް އަގު ހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ސަރުކާރުން އެގޮތަށް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހުއެވެ.

ރައީސް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ގިނަ ކަންކަމާއި މަޝްވަރާކުރެވިގެން ދިޔައިރު ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ނިންމާފައިވާކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މޯލްޑިވިއަންއިން ފަތުރުވެރިންނަށް މީގެ ކުރިން ޓިކެޓު ވިއްކަމުންދިޔައީ ދިވެހިންގެ އަތުން ނަގާ އަގަށްވުރެ ދެގުނަ ބޮޑުކޮށެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ހައްލެއް ހޯދައިދިނުމަށް ކުރީގެ ސަރުކާރުތަކުގައިވެސް އެދެމުން އައިސްފައިވާ މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު