ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތްކުރާ އެހީތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދުނިޔޭގެ އިންސާނީ އިންސާނީ އެހީތެރިކަމުގެ ދުވަހާ (ވޯލްޑް ހިއުމެނިޓޭރިއަން ޑޭ) ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު އިންތިހާއަށް އިތުރުވަމުންދާ މިދަނޑިވަޅުގައި، އާންމު ރައްޔިތުންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައް ރައްކާތެރިކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ މިންވަރު އެންމެ ބޮޑަށް ހާމަވެގެންދަނީ ފަލަސްޠީނުގެ ޣައްޒާއިން ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުރަސްއެޅުމާއި، އެހީދޭ ފަރާތްތަކަށް އަމާޒުކޮށްދޭ އަނިޔާވެރި ހަމަލާތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ޣައްޒާގައި ވަގުތުން ވަގުތަށް އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ތަކުރާރުކޮށް ގޮވާލާ ގޮވާލުން އެމަނިކުފާނު ވަނީ އައުކުރައްވާފައެވެ.



އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިންސާނީ ޚިދުމަތުގައި ދެމިތިބި ހިތްވަރުގަދަ ފަރާތްތަކަށާއި، މި މަތިވެރި މަސައްކަތުގައި ފުރާނައިން ޤުރުބާންވި އެންމެހައި ފަރާތްތަކުގެ ޒިކުރާ އައުކުރައްވައި ރައީސް ވަނީ އެ ފަރާތްތަކަށް ޝަރަފާއި އިޙްތިރާމް އަދާކުރައްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެހީތެރިން ދައްކުވައިދޭ މަތިވެރި ހިތްވަރަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތައް ނެގެހެއްޓުމަށާއި، އިންސާނީ އެހީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުޅި ދުނިޔެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ލާޒިމުކުރާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު