ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިނގިލި ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ބެހެއްޓުމުގެ މަސައްކަތް ނިންމައި، މާދަމާގެ ވަގުތެއްގައި ބްރިޖުން އެކީ ގުޅާލުމަށް ނިންމައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ހާމަކުރި ގޮތުގައި، މި ތާރީޚީ ވަގުތު ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ. މާދަމާ ބަހައްޓާ ފަހު ސެގްމެންޓާއެކު، މާލެއާއި ވިލިނގިލި ގުޅުވައިދޭ ބްރިޖުގެ މައި އޮނިގަނޑު ނުވަތަ "ސުޕަ ސްޓްރަކްޗާ" ގެ މަސައްކަތް މުޅިން ނިމޭނެއެވެ.

ނަމަވެސް، މައި އޮނިގަނޑު ގުޅާލެވުނު ކަމުގައިވީ ނަމަވެސް އާންމުންނަށް ދަތުރުފަތުރު ކުރަން ހުޅުވާލެވޭނީ އިތުރު މަސައްކަތްތަކެއް ނިންމުމަށްފަހުގައެވެ. އެގޮތުން ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމަށްޓަކައި ހަރުކުރަންޖެހޭ ރޭލިންގްސްތަކާއި، އަލިކުރުމުގެ މަސައްކަތްތަކުގެ އިތުރުން ފަންނީ އަދި އިދާރީ އިތުރު ކަންކަން ފުރިހަމަކުރުމަށް އަދި ވަގުތު ނަގާނެކަމަށް އެފްކޮންސްއިން މައުލޫމާތު ދެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، އޮގަސްޓް 2021 ގައި އެފްކޮންސްއާ ހަވާލުކޮށްގެން ފެށި މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. އެކި ފަހަރު މަތިން މަސައްކަތް ނިންމުމަށް ތަފާތު ތާރީޚުތައް ދެވުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއު ދިގުލައިގެންގޮސްފައިވާއިރު، މިހާރުގެ ސަރުކާރުން އަންނަނީ މި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު