ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގުގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓާއި ގުޅިގެން އެ ކާރު ދުއްވަން މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 8:42 ހާއިރު ކަމަށެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓްގައި ކާރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެއްޓި ކާރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބީ ބ. ކަމަދޫ، ހަސަން ރިފާއު އިތުރުން، 13 އަހަރުގެ ކުޑަކުއްޖެއް ކަަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓަށް ފަހު އެ ދެ މީހުންނަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ސީރިއަސް އަނިޔާ އެއް ވެސް މީހަކަށް ވެފައިނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ކާރު ބޭނުންކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރު ބައިތައް މިހާރު ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާކަމަށެވެ.

އާންމު އުސޫލެއްގެ ގޮތުން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ނުރައްކާތެރިކޮށް ދުއްވާ އުޅަނދު ތަށް ހޯދައި މަދުވެގެން 30 ދުވަހުގެ މުއްދަތަކަށް ފުލުހުން އުޅަނދުތަށް ޓޯކުރެއެވެ. ނަމަވެސް މިމައްސަލައިގައި ކާރު ޓޯ ނުކުރީ ކީއްވެގެންކަން ފުލުހުން ހާމައެއް ނުކުރެއެެވެ.

އެނގިފައިވާގޮތުގައި ގާތްގަނޑަކަށް 19 މިލިއަން ރުފިޔާގެ މިކާރަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ކާރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް