ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު
ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ރާއްޖެއަށް ވެސް ކުރަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކުރެވޭ ކޮންމެ ކަމަކީ ޤައުމުގެ މަޞްލަޙަތާއި ލާބައަށްޓަކައި ކުރެވޭ ކަމަކަށް ވާންޖެހޭކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުގެ މައިގަނޑު ޒިންމާއަކަށް ވާންވާނީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދީ، ޤައުމީ މަޞްލަޙަތު އިސްކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާޟް ރަޝީދު އިތުރަށް ވިދާޅުވީ، ދައުލަތް ބުންގުރޫޓުވެއްޖެނަމަ އޭގެ ހިތި އަސަރު ނުފޯރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ.

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އާންމު ރައްޔިތުންގެ އިތުރުން ދައުލަތުގެ ބަޖެޓުން ބޮޑެތި ޢިނާޔަތްތައް ލިބިވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާއާއި، ކުރީގެ ރައީސުންނާއި، ރިޓަޔަރޑް ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ ޢިނާޔަތްތައް ވެސް މެދުކަނޑާނުލައި ފަރުޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވިފަހުން ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާކަން ފާހަގަކުރައްވަމުން ރިޔާޟް ވިދާޅުވީ، ބޭންކުތައް މެދުވެރިކޮށް އެމް.އެމް.އޭ އިން ދޫކުރަނީ ދައުލަތަށް ލިބޭ ބޭރު ފައިސާ ކަމަށެވެ.

ސަރުކާރަކީ އަމިއްލައަށް ބޭރު ފައިސާ ވަންނަ ވިޔަފާރިތައް ހިންގާ ފަރާތެއް ނޫންކަމާއި، ދައުލަތަށް ބޭރު ފައިސާ ލިބެނީ ރިސޯޓުތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ޓެކުސްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލޭ މައިގަނޑު ސަބަބަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ބޭންކިން ނިޒާމަށް ނުވައްދައި ބޮޑު އަގުގައި ބޭރުގައި ވިއްކުން ކަމަށް ރިޔާޟް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިންގާ 200 އަށްވުރެ ގިނަ ރިސޯޓުގެ ތެރެއިން 70 އިންސައްތައަކީ ބޭރުގެ އިންވެސްޓަރުންގެ ތަންތަން ކަމަށްވެފައި، އެ ފަރާތްތަކުގެ އާމްދަނީ އެއްކޮށް ރާއްޖެއިން ބޭރުކުރަމުން ދިޔަ ދިއުމަކީ ކޮންމެހެން ޙައްލުކުރަން ޖެހިފައި އޮތް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެން ކުރިމަތިވަމުންދާ މި ގޮންޖެހުމަށް އިސްލާޙީ ބަދަލުތަކެއް ގެނެސް، ބޭރު ފައިސާއާ ގުޅޭ ޤަވާޢިދުތައް ހަރުދަނާކުރަން ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަށް ރިޔާޟް ވަނީ ތަޢުރީފު ކުރައްވާފައެވެ. މި ބަދަލުގެ ޙަޤީޤީ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.އެމް.އޭ އާއި ބޭންކުތަކާމެދު އިތުބާރު ގެއްލުވާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފިތުނަވެރި ޚަބަރުތައް ހުއްޓާލުމަށް ގޮވާލައްވަމުން ރިޔާޟް ރަޝީދު ވިދާޅުވީ، އޭނާ މި ވާހަކަތައް ދައްކަވަނީ ވަކި ސަރުކާރަކަށް ސިޔާސީ ތާއީދު ކުރުމުގެ މަޤްޞަދުގައި ނޫން ކަމަށާއި، މިއީ ޤައުމަށް އޮތް އިޚްލާޞްތެރި ލޯތްބާއި، އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ފާޅުކުރެއްވި އިޙްސާސްތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް