ރައްޔިތުންގެ މަޖިލީސް-
ރައްޔިތުންގެ މަޖިލީސް-
ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް ދެގުނައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި ހަމަހަމަ އަދި އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.

ގާނޫނަށް ގެނައި މި ބަދަލާއެކު، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން މިހާރު ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ކަނޑަމުން އަންނަ ފަސް އިންސައްތަ ވަނީ ދިހަ އިންސައްތަ އަށް އިތުރުވެފައެވެ. އެހެންކަމުން ދެން އެފަދަ ފަރާތްތަކަށް ފައިސާ ދޫކުރާއިރު، އެ ފައިސާގެ 10 އިންސައްތަ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް ދައްކަން ޖެހޭނެއެވެ.

މީގެއިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒުތައް މެދުވެރިކޮށް ހޯދާ އާމްދަނީން ވިތުހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، އެ ފައިސާއަކީ އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ފުރިހަމަ ޓެކްސްގެ އަދަދު ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި އެ އާމްދަނީ ނުހިމެނޭނެ ގޮތް ހެދުންވެސް މި އިސްލާހުގެ ތެރޭގައި ހިމެނެއެވެ.

ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް ދައުލަތަށް ދައްކަންޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީ ކަމަށްވާ ރޯޔަލްޓީ، ޓެކްނިކަލް ފީ، ޑިވިޑެންޑް އަދި ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ.

މި ނިޒާމުގެ ސަބަބުން ބޭރު ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެންޖެހޭ ޓެކްސް ކަށަވަރުވެ، ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވި، ދައުލަތުގެ އާމްދަނީ ރައްކާތެރި ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު