މެންބަރު ހުސައިން ޝަރީފް
މެންބަރު ހުސައިން ޝަރީފް
އާސަންދަ ފަދަ ދައުލަތުގެ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަހަތުން އާންމު ރައްޔިތުން ދުވާން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ހުސައިން ޝަރީފް މިހެން ވިދާޅުވީ މަޖިލިސް މެންބަރުންނަށް ކަނޑައަޅާފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް އެދި ހުށަހެޅި އީ-ޕެޓިޝަނާ ގުޅޭގޮތުން ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން، ރައްޔިތުން އިންތިހާބުކުރާ މަންދޫބުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބޭ ބައެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރު ނުވަތަ މަޖިލިސް މެންބަރުން ވިޔަސް އެ އެންމެންނަކީވެސް ރައްޔިތުންނަށް ހިދުމަތްކުރަން އައްޔަންކުރެވިފައިވާ ހާދިމުންކަން ގަބޫލުކުރަންޖެހޭނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދައުލަތުގެ ކަންކަމާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދުމަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

އަދި އާންމުންގެ މެދުގައި މިފަދަ ޝަކުވާތަކާއި ކަންބޮޑުވުންތައް އުފެދެނީ ދައުލަތުން ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ނުހިފެހެއްޓޭތީ ކަމަށާއި، މެންބަރުންނަށް ލިބޭ ފަދަ ފަސޭހަ އިންޝުއަރެންސް ޕޮލިސީއެއް އާންމު ރައްޔިތ މީހާއަށްވެސް ބޮޑު ކަމެއް ދިމާވާ ހިނދު އަވަހަށް ލިބޭނެ ނިޒާމެއް އޮންނަ ނަމަ މިފަދަ ސުވާލުތައް ނުއުފެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ތަރުތީބުން ކަންކަން ކުރިއަށްދާނަމަ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭ މުވައްޒަފުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރަނގަޅަށް އެޑްރެސްކުރާ ނަމަ، އާސަންދައަށް ގުޅާލުމުން ކިއު ލިސްޓުގައި މަޑުކޮށްގެން ސިޔާސީ ބޭފުޅުންގެ ފަހަތުން ދުވާކަށް ނުޖެހޭނެ ކަމަށާއި، އާއިލީ ނުވަތަ ނަސަބީ ގޮތުން ތަފާތުކުރުމެއް ނެތި ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވާންޖެހޭ ކަމަށް މެންބަރު ހުސައިން ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު