މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދައުލަތަށް ދައްކަވަންޖެހޭ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އެކީ ދައްކަވައި ނިންމަވައިފިއެވެ.

މި ފައިސާ ނުދައްކައިގެން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމާލީ، އަދީބު އެ ފައިސާ މުޅިން ދައްކަވައި ޚަލާޞްކުރައްވާފައިވާކަން ދައުލަތުން ކޯޓަށް އެންގުމާ ގުޅިގެންނެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަދީބު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 100،000 ރުފިޔާ އަދި މިދިޔަ ހަފްތާގެ ތެރޭގައި ބާކީ އޮތް 900،000 ރުފިޔާ ދައްކަވާފައެވެ.

މިއީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަދީބުގެ މައްޗަށް އިއްވި 5 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ހުކުމާއެކު އަދަބެއްގެ ގޮތުގައި ކަނޑައެޅުނު ޖޫރިމަނާއެކެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގައި އަދީބަށް ބޮޑެތި ޖަލު ހުކުމްތަކެއް ކުރެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެ ހުކުމްތައް މާފުކޮށްދެއްވުމުން އޭނާ ވަނީ މިނިވަންވެފައެވެ. އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު