މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖް ތަޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފިއެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ސްޓޭޖްގެ މަތީގައިވާ ދަގަނޑު ޓްރަސްތައް ބާވެ، ހަލާކުވެގެން އޭގެ ބައެއް ބައިތައް ވެއްޓެމުންދާތީ، އެ ސަރަހައްދަށް ވަދެނުކުމެވާ އާންމުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސްޓޭޖް ރޫޅާލުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެއެވެ.

އެހެންކަމުން، ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަކުގެ ވެރިފަރާތްތަކުންނާއި، ވެހިކަލް ދުއްވާ އަދި ބަލަހައްޓާ ފަރާތްތަކުން މިރޭ 11:30 ގެ ކުރިން އެ ސަރަހައްދުން ވެހިކަލްތައް ނަގައި، މަސައްކަތް ނިމެންދެން އެތަން ހުސްކޮށް ބާއްވައިދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން، އަލިމަސް ކާނިވާ ސަރަހައްދުގެ ލޭންޑް ސާވޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ވަނީ އިއުލާންވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު