ހދ. ކުނބުރުދޫއަކީ ޒޯން 1 ގެ ކުނި އެޅުމަށް ޓްރާންސްފަރ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރުމަށް ކުރީގެ ސަރުކާރުން ނިއްމި ނިންމުމަށް މި ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޢަލީ ޝަރީފް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުނބުރުދޫއަކީ އެމްޑީޕީގެ ވެރިކަމުގައި، ޒޯން 1 ގެ ކުނި އެޅުމަށް ޓްރާންސްފަރ ސްޓޭޝަންގެ ގޮތުގައި ބޭނުންކުރުމަށް 31 ޑިސެމްބަރ 2019 ގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޚާއްޞަކުރައްވައި ކަނޑައަޅުއްވާފައިވާ ރަށެއް ކަމަށާއި، އެ ނިންމުމަށް މި ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަނަކަށް ހެދުމުގެ ނިންމުމަކީ ކަމާބެހޭ ފަރާތްތަކާއި އާންމުންނާ ވެސް މަޝްވަރާކުރެވިގެން ނިންމާފައިވާ އިސްތިރާޖީ ނިންމުމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، އެ ނިންމުމަށް އިޙްތިރާމްކުރައްވައި، އެގޮތަށް މަޝްރޫޢު ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވިއެވެ.

"މިކަމާ މެދު ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އެއްގޮތަކަށްވެސް ނުވިސްނޭ. އަދި ބޭނުންޖެހިއްޖެ ހާލަތެއްގައި ކްރޮސް-ޒޯންކޮށް ކުނި އުފުލުމަކީވެސް މައްސަލައެއް ނޫން،" މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ޕޯސްޓާއެކު، ކުނބުރުދޫގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ކުރިއަށްދާނީ ކުރީ ސަރުކާރުން ކަނޑައެޅި ޕްލޭނާ އެއްގޮތަށްކަން މިވަނީ ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު