އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އަމިއްލަފުޅު ޒާތުގައި އަބަދުވެސް ދެމިހުންނެވީ "އަސްލު އެމްޑީޕީ"ގެ ފިކުރުގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރެއް ކަމަށްވާ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، 2012 ފެބުރުވަރީ 7 ގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމާ ގުޅިގެން، އޭރު އެމަނިކުފާނު ނިސްބަތްވެވަޑައިގެންނެވި ޑީއާރުޕީގެ ކައުންސިލުން ރައީސް ވަޙީދުގެ ސަރުކާރާ ގުޅުމަށް ނިންމި ކަމަށެވެ. ނަމަވެސް، އެއީ އިތުބާރު ހިފޭ އަދި ޤަބޫލުކުރެވޭނެ ސަރުކާރަކަށް ނުވާތީ، އެ ސަރުކާރުގައި ބައިވެރިނުވުމަށް އެދި ކައުންސިލަށް ހުށަހެޅުއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ހުށަހެޅުމަށް ލިބިވަޑައިގަތީ އެންމެ 5 ވޯޓު ކަމަށާއި، ކައުންސިލްގެ އަޣުލަބިއްޔަތުން ނިންމީ ސަރުކާރާ ގުޅެން ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

އަމިއްލަ އުޞޫލުތައް ދޫކޮށްލައްވައި އެ ސަރުކާރަށް ތާއީދުކުރައްވަން ބޭނުންފުޅު ނުވުމުން ޑީއާރުޕީން ވަކިވެވަޑައިގެންނެވި ކަމަށާއި، އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީ އިދިކޮޅުގައި، މަގުމަތީގެ ޙަރަކާތްތަކުގައި އޮތް ދަނޑިވަޅެއްގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ނިންމެވުން ނިންމެވީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ޙިމާޔަތްކޮށް ކުރިއެރުވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ފުރިހަމައަށް ޤަބޫލުކުރެއްވޭތީ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ޕާޓީގެ ޢާންމު މެންބަރުންނާއެކު ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ސިޔާސީ އިޙުތިޖާޖުތަކުގެ ތެރެއިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ކަމަށާއި، މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ހިންގެވި ސިޔާސީ ޙަރަކާތްތަކާ ގުޅުވައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލި ހަނދާންތައްވެސް ޝާހިދު ވަނީ އައުކުރައްވާފައެވެ.

މި ދަތި އުނދަގޫ ދުވަސްތަކަކީ އެމްޑީޕީގެ ފިކުރާއި އުސޫލުތަކުގައި އެމަނިކުފާނު ސާބިތުވެ ހުންނެވި މިންވަރު ހާމަކޮށްދޭ ހެއްކެއް ކަމަށާއި، ޕާޓީއަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޕާޓީގެ މެންބަރުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށްޓަކައި އެމްޑީޕީގެ ސަފުތަކާއެކު އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު