ޒުވާން ޚަތީބުންނާއި ވަޒީރު ބައްދަލު ކުރެއްވުން-
ޒުވާން ޚަތީބުންނާއި ވަޒީރު ބައްދަލު ކުރެއްވުން-
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު 91 ދަރިވަރަކު ފުރިހަމަކޮށް، އެ ދަރިވަރުންނަށް ސަނަދު ޙަވާލުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި، ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން، ޚުޠުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމުގެ އިތުރުން ދީނީ އެކި ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ސަނަދު ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމުލަ 1،000 ޒުވާން ޚަޠީބުން ތަމްރީނުކުރުން ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އަލަށް ތަމްރީނުކުރެވުނު ދިވެހި ޙާފިޡުންގެ ޢަދަދު މިހާރު 300 އަށްވުރެ މައްޗަށް އަރާފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމަކީ ރާއްޖޭގެ ރަށްރަށުގައި ޚަޠީބުން ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކުގެ މިންބަރުތަކުން ޒުވާނުންގެ އަޑު އިއްވުމުގެ އިތުރުން، މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ދާއިމީކޮށް މަސައްކަތްކުރަން ބޭނުންވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި މީގެ އިތުރުން، އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަން އެދޭ ޒުވާނުންނަށް ޢަރަބި އިސްލާމީ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމަށް ވެސް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު