މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
އިންޓަރ-ޕާލިމެންޓަރީ ސްޕީކަރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 26 އިން 28 ގެ ނިޔަލަށް އެ ޤައުމުގެ ވެރިރަށް ފްނޮމް ޕެންގައެވެ.

މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ "ޞުލްޙަ އާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫޢަށެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި، ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އައި.އެސް.ސީ ކޮންފަރެންސަކީ ދުނިޔޭގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގެން، ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށާއި ޤާނޫނީ އޮނިގަނޑުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ. އަދި ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކޮށް، ގުޅިފައިވާ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް މި ކޮންފަރެންސްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު