ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ވައްކަމުން ރެކެން އަދި ބަޔަކު ސަލާމަތް ކުރަން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ތަފާތު މެންބަރުން ތަފާތު ވާހަކަތައް ދައްކަވަމުން ގެންދަވާ އިރު، ފެނިގެންދަނީ ވައްކަންތަކުން ރެކުމަށް ނުވަތަ ބަޔަކު ސަލާމަތް ކުރުމަށް ވާހަކަދައްކާ މަންޒަރު ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ވައްކަމުގެ ވާހަކަ ދައްކަން ފެށުމުން، އައްޑޫ ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލް ހިމެނޭހެން އެކިއެކި ކައުންސިލްތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމްޑީޕީއަށް ރައްޔިތުން ދެ ދައުރުގައި ވެރިކަން ދިންއިރު، އެ ދައުރުތަކުގެ ތެރޭގައި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ އޮޑިޓް ރިޕޯޓުތަކުން "ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި ވައްކަންތައް" ފެންނަން ހުރި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނަށް އަޑުއިވޭ ގޮތަށް އެ ބޭފުޅުން ސިޔާސީ ވާހަކަދައްކަވައި، އެއީ ވަރަށް ނަޒާހަތްތެރި، ވައްކަމާ ދެކޮޅު ބައެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރާތީ އޭނާ ފާޑުވިދާޅުވިއެވެ.

"މި ރިޕޯޓުގަ ހުރި ނޭދެވޭ ގޮތަށް ހިންގާފަ ހުރި އަމަލުތަކުގެ، 9 މިލިއަން ވަރަކަށް ރުފިޔާގެ ވާހަކަތަކެއްގެ ތެރޭގަ ދައުލަތުގެ ފައިސާގެ ވާހަކަ ދައްކަމުން ދާއިރުގަ ތިމަންނަމެން ވައްކަމާ ދެކޮޅޭ، އެކަމަކު މި ރިޕޯޓު ބަލައިގެން ނުވާނެއޭ. މީ ކިހާ ދެރަ ކަމެއް. މި ދައްކާ ވާހަކައެއް ދެކޮޅެއް ނުޖެހޭ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ގެނައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޮޑިޓް ރިޕޯޓު އައުމުން ވެސް، ވައްކަމާ ދެކޮޅު ކަމަށް ބުނެ އެކަން ބަލައިގަންނަން ދެކޮޅު ހެދި އުސޫލުން މިހާރު ވެސް އަމަލުކުރަމުންދާ ކަމަށެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާއި އަމަލާ ދިމާނުވާ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް