ރައީސް މުއިއްޒު
ރައީސް މުއިއްޒު
ސިޔާސީ ވާދަވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމަށްވުރެ ބޮޑަށް، އެމަނިކުފާނު އިސްކަންދެއްވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ބަލިކުރައްވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ވިދާޅުވި ނަމަވެސް، އެފަދަ ވާހަކަތަކަށް ސަމާލުކަން ދެއްވުމުގެ ބަދަލުގައި އެމަނިކުފާނުގެ މުޅި އަމާޒު ހުރީ ވެވަޑައިގެންނެވި ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ކަމަށެވެ. އަދި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޢާންމު ރައްޔިތުންނާ ގުޅިގެން ކުރައްވާ މަސައްކަތުން، ވަޢުދުތައް ފުއްދުމުގެ ލަނޑުދަނޑި ޙާޞިލުކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ތަރައްޤީގެ ހުރިހާ ދާއިރާއަކުންވެސް ވަޢުދުތައް ފުއްދުމުގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން އިޤްތިޞާދު ހަރުދަނާކުރުމާއި، ޚާރިޖީ ގުޅުންތައް ބަދަހިކުރުމާއި، އިޖުތިމާޢީ އަދި ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަށާއި ޞިއްޙީ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކޮށް ވަސީލަތްތައް ޒަމާނީކުރުމާއެކު، ޤައުމިއްޔަތު ދިރުވައި އާލާކުރުމަށާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް