ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ޕީއެސްއެމް ގެ "ނޭޝަންޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ޕީއެސްއެމް ގެ "ނޭޝަންޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ
މާލެ ސަރަހައްދު ގުޅުވައިދޭ ތިލަމާލެ ބްރިޖު މަޝްރޫއުގެ ހުރިހާ މަސައްކަތެއް މުޅިން ނިންމައި، ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުންގެ ދަތުރުފަތުރަށް ހުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަންޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މާލެއާއި ވިލިމާލެ މިހާރު ވަނީ ބްރިޖުން ގުޅާލެވިފައެވެ. އަދި މިއީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއާ ސީދާ ގުޅިފައިވާ، ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ފެންވަރާއި ކޮލިޓީއާ މެދު އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބްރިޖުގެ ކޮލިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގެ މަޝްހޫރު 'އާރޮޕް' ކުންފުނީގެ ބެލުމުގެ ދަށުން ކަމަށެވެ. މިއީ ސިނަމާލެ ބްރިޖުގެ މަސައްކަތުގެ ފެންވަރުވެސް ބެލެހެއްޓި ކުންފުނިކަން ފާހަގަކުރައްވައި، ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ފަންނީ ދިރާސާތަކުގެ މައްޗަށް ބިނާވެގެންކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ބްރިޖުގެ މަސައްކަތް މުޅިން ނިމި ތިލަފުށްޓާ ހަމައަށް ގުޅާލެވުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ބޮޑު އިގްތިސާދީ ކުރިއެރުމެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުން ކަމަށްވާއިރު، މިފަދަ ވަސީލަތްތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލު ބިނާވެގެންދާނީ ހަރުދަނާ ބިންގަލެއްގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް