ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ޚާއްޞަ ބައްދަލުވުމުގައި، އިޒްރޭލުން ހިންގަމުންދާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެކަށޭނަ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމްއެވެ. މިއީ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އޯއައިސީގެ މިފަދަ މުހިންމު ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢިރުތިޝާމް އާދަމް ވަނީ، ފަލަސްޠީނުގެ ބިންތަކަކީ އިޒްރޭލުގެ މިލްކެއްގެ ގޮތުގައި ކަނޑައަޅައި، އެ ބިންތައް ޙިޞާރުކޮށްގެން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، އިޒްރޭލުން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާއިރު ވެސް، އެ ޤާނޫނުތައް ތަންފީޒުކޮށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އިސްލާމީ އުންމަތުގެ މަތިވެރި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓުމަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ޙާލަތަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ޣައްޒާގެ ހަނގުރާމަ ހުއްޓުވައި، ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށްޓަކައި "ކޮމްޕްރިހެންސިވް ޕްލޭން ޓު
އެންޑް ދަ ގާޒާ ކޮންފްލިކްޓް" ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އިންސާފާއި އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަކީ 57 އިސްލާމީ ޤައުމު އެކުލެވޭ، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ވަރުގަދައަށް އަޑުއުފުލަމުންދާ އެއް ޖަމުޢިއްޔާއެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެންބަރަކަށް ވީއްސުރެ، ފަލަސްޠީނުގެ މިނިވަންކަމަށާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ރާއްޖެއަކީ މުހިންމު އަދި އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު