ހުޅުމާލެ ފޭސް 2ގެ ވިނަރެސް 7 ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓަށްފަހު އެންމެ ފުރަތަމަ އެ ކުއްޖާ ގެންދެވުނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި ކުއްޖާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި ކުއްޖާގެ ހާލަތު ހުރިގޮތުން އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު