ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ސްވިޒަލެންޑްގެ ރައްޔިތުން ދަތުރުކުރުން ރައްކާތެރި ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމަނައިފިއެވެ.

ސްވިޒަލެންޑްގެ "ރިސްކް ކަންޓްރީސް" ގެ ލިސްޓުން ރާއްޖެ އުނިކުރުމާއެކު މިހާރު އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ޤައުމަށް ދިޔުމަށްފަހު ކަރަންޓީނު ވާން ނުޖެހޭނެއެވެ.

ސްވިޒަލެންޑަކީ ފަތުރުވެރިކަމުގައި ރާއްޖޭގެ މުހިއްމު މާކެޓަކަށް ވުމާއިއެކު މި ބަދަލާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމެއް ލިބިގެންދާނެއެވެ. މި އަހަރުގެ މާޗު 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ހުޅުވާލުމާއިއެކު ރާއްޖެއަށް ދަތުރު ފަށާފައިވާ އެއާލައިނުތަކުގެ ތެރޭގައި ސްވިޒަލެންޑުގެ އެޑެލްވައިސް ވެސް ހިމެނެއެވެ.

މީގެކުރިން އިނގިރޭސިވިލާތާއި ގަތަރުން ވެސް ވަނީ އެ ޤައުމުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ނުވާ ކޯވިޑް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ ބޭނުންވާއިރު ފަތުރުވެރިންނަށް ރިސޯޓު، ގެސްޓުހައުސް އަދި ސަފާރީތަކުގައި ސްޕްލިޓް ސްޓޭ ކުރުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ދީފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 31،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން