ޕޮލިސް މެމޯރިއަލް ޑޭ: ހިދުމަތުގެ އަގުވަޒަންކުރުމާއި، ވަކިވެދިޔަ ފުލުހުންގެ ޒިކުރާއާކުރުމުގެ ތެރެއިން މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ
ޕޮލިސް މެމޯރިއަލް ޑޭ: ހިދުމަތުގެ އަގުވަޒަންކުރުމާއި، ވަކިވެދިޔަ ފުލުހުންގެ ޒިކުރާއާކުރުމުގެ ތެރެއިން މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ
ދިވެހި ފުލުހުންގެ ޚިދުމަތް ސިފައިންގެ މަސައްކަތުން ވަކިކޮށް، މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި "މޯލްޑިވްސް ޕޮލިސް ސަރވިސް" އިފްތިތާޙުކުރި ތާރީޚީ ދުވަހަށް 22 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

1 ސެޕްޓެމްބަރު 2004 ގައި ގެނެވުނު މި މުހިންމު އިޞްލާޙީ ބަދަލަކީ ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމާއި ޤާނޫނު ތަންފީޒުކުރުމުގެ ފަލްސަފާއަށް އައި ބޮޑު އިންގިލާބެކެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 29 މާރިޗު 1933 ގައި، އޭރުގެ ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީން (ތިނެއް) "ފުލުހު މީހުންގެ ގާނޫނު" ތަސްދީގު ކުރެއްވުމާ ގުޅިގެން 120 އޮފިސަރުންނާއެކުގައެވެ. ނަމަވެސް، 15 އޯގަސްޓް 1933 އިން ފެށިގެން އެތައް ދަހަރެއް ވަންދެން ފުލުހުންނާއި ސިފައިން މަސައްކަތްކުރީ އެއް ފުރާޅެއްގެ ދަށުގައި އެއް މުއައްސަސާއެއްގެ ގޮތުގައެވެ.

ދިފާއީ ބާރާއި މަދަނީ އަމަންއަމާންކަން ބެލެހެއްޓުން ވަކިކުރުމުގެ މުހިންމުކަން ވަޒަންކުރައްވައި، 2004 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވަނީ ފުލުހުންނަކީ ވަކި މަދަނީ މުއައްސަސާއަކަށް ހައްދަވާނެކަން އިއުލާންކުރައްވާފައެވެ.

މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އެކުލަވާލެއްވި 'ޗޭންޖް މެނޭޖްމަންޓް ކޮމެޓީ' ގެ އިސްވެރިޔާ އިބްރާހިމް ލަތީފްގެ ބެލުމުގެ ދަށުން، އެކުލަވާލެވުނު ޓީމުން ވަނީ 6 މަސްދުވަހުގެ ތެރޭގައި ދުވާލަކު އެވްރެޖްކޮށް 17 ގަޑިއިރު މަސައްކަތްކޮށްފައެވެ.

މި ދުވަސްވަރު ސިންގަޕޯރ ނެޝަނަލް ޔުނިވަރސިޓީގެ ތަޖުރިބާކާރުންނާއި، ދިވެހި ތާރީޚީ އަދި ޤާނޫނީ މާހިރުންގެ ލަފާ ހޯދައި، ފުލުހުންގެ އައު ދިދައާއި، ޔުނީފޯމާއި، ޚިދުމަތުގެ އޮގަނައިޒޭޝަނަލް އޮގްރާމް ވަނީ އެކުލަވާލާފައެވެ.

"ރައްޔިތުންނަކީ ފުލުހުން، އަދި ފުލުހުންނަކީ ރައްޔިތުން" (ޕީލިއަން ޕްރިންސްޕަލް) ގެ ފަލްސަފާގެ މައްޗަށް ބިނާކޮށް ޚިދުމަތް ފެށި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތް ވަނީ ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފުޅާވެފައެވެ.

2004 ގައި އަތޮޅުތަކުގައި އެންމެ 5 ޕޮލިސް ސްޓޭޝަން ހުރި ނަމަވެސް، މިއަދު ފުލުހުންގެ މުއައްސަސާގެ އަމާޒަކީ ދެކުނު އޭޝިއާގައި އޮތް އެންމެ ޕްރޮފެޝަނަލް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މަދަނީ ފުލުހުންގެ ޚިދުމަތަކަށް ވުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް