ގުޅީފަޅު
ގުޅީފަޅު
ކ. ގުޅީފަޅުގައި 4,000 ހައުސިން ޔުނިޓް ބިނާކުރުމުގެ ބޮޑު މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް ވިދާޅުވީ، މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

އަދި މި ކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކާއެކު މިހާރު ކުރިއަށްދާއިރު، އަމަލީ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށްޓަކައި ސަރުކާރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގުޅީފަޅު ހިމެނޭއިރު، އެ ރަށުން މިހާރުވެސް ވަނީ ގޯތި ދޫކޮށްފައެވެ.

މީގެ ކުރިންވެސް ގުޅީފަޅުގައި ހައުސިން މަޝްރޫއުތަކެއް ހިންގަން އުޅުމުގެ ތެރޭގައި އެކި މައްސަލަތައް ދިމާވެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، ތިލަމާލެ ބްރިޖާއެކު މާލެއާ ގުޅިގެންދާނެ ގުޅީފަޅަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު