ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް ޖިސްމާނީ ގޮތުން އަނިޔާކުރި މައްސަލައެއް ސާބިތުވި ދިވެހި ފިރިހެނަކު، 7،200 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން މިގޮތަށް ހަމަޖެއްސީ އޭނާގެ މައްޗަށް އިއްވި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް، ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށް ފަހުގައެވެ.

2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުލަތުން ކުރި ދައުވާއަށް ފުރިހަމައަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން، ޝަރީއަތުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ފިރިހެން މީހާ ވަނީ އޭނާގެ އަންހެން ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި އަނިޔާކޮށްފައެވެ. އަދި އޭގެ އިތުރުން ކޮއްކޮގެ އިސްތަށިގަނޑުގައި ހިފައި ދަމައި، ޖިސްމާނީ އެކި އަނިޔާތައް ދީފައިވާކަން ޝަރީއަތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ގާނޫނުލްއުގޫބާތު ބަޔާންކުރާ ގޮތުގައި، މީހެއްގެ ހަށިގަނޑަށް އެއްވެސް ކަހަލަ ތަދެއް އެރުވުން، ނުވަތަ ބައްޔެއް ޖެއްސުން، އަދި ޖިސްމާނީ ގޮތުން އުނިކަމެއް ގެނައުމަކީ އަނިޔާ ދިނުމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ގާނޫނުގައި އަނިޔާ ދިނުމުގެ ކުށް މައިގަނޑު ދެ ދަރަޖައަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އާދައިގެ އަނިޔާއެއް ދިނުމުގެ ކުށާއި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ދިނުމުގެ ކުށެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ، ޖަލު އަދަބުގެ ބަދަލުގައި ކަނޑައެޅި 7،200 ރުފިޔާގެ ޖޫރިމަނާގެ ފައިސާ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކައި ޚަލާސްކުރުމަށް ކޯޓުން ވަނީ އެ ފިރިހެން މީހާއަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު