މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން
މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން
މާލެ ސިޓީގެ މަގުތަކުން މީގެކުރިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކުގެ މައްސަލައިގައި އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމަށްޓަކައި، އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ނިންމީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

މި ހުށަހެޅުން ކައުންސިލަށް ތައާރަފުކުރައްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މާލޭގެ މަގުމަތިން 800 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކާފައިވާ މައްސަލައަކީ އަބަދުވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމަކީ އުސޫލުތަކާ ޚިލާފަށް ހިންގާފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރުޝާންގެ ވާހަކައިގައި، މަގުތަކަކީ ޕާކިން ޒޯނު ހަދައިގެން ވިއްކޭނެ ތަންތަން ނޫން ކަމަށް ބަޔާންކޮށް 2022 ވަނަ އަހަރުގެ ފެބުރުއަރީ 10 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައިވާކަން ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން މަނާކޮށްފައި އޮއްވައި އަދި އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައާ އެއްގޮތަށް އެ ޖާގަތައް ބާތިލުކުރަން އަންގާފައިވަނިކޮށް ވެސް، އޭރުގެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމެއް ކަމަށް ބެލެވޭތީ، މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ވެސް ބަލަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށް ފުރުޝާން ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން، ކައުންސިލްގެ އޮޑިޓް ކޮމިޓީން މުޅި މައްސަލަ ބަލައި ދިރާސާކުރުމަށްފަހު، މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް އެކުލަވާލާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު