ދިވެހި ޒުވާންކަނބަލެއް ގޭގައި އެއްފަހަރާ އެތައްކަމެއްގައި މަސްޢޫލުވެގެން
ދިވެހި ޒުވާންކަނބަލެއް ގޭގައި އެއްފަހަރާ އެތައްކަމެއްގައި މަސްޢޫލުވެގެން
ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން އެތައް މިލިއަން ފިރިހެނުންނެއް ވަޒީފާއަށް ނުކުންނަނީ، އޮފީސްތަކާއި، ވިޔަފާރިތަކާއި، ތަފާތު މަސައްކަތުގެ މައިދާންތަކަށެވެ. މިއީ ޢާއިލާގެ ދިރިއުޅުން ބިނާކުރުމަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ މުހިންމު، ބުރަ ޒިންމާއެކެވެ. ނަމަވެސް، ފިރިހެނުން ވަޒީފާއަށް ނުކުންނައިރު، ގޭތެރޭގައި އެއަށްވުރެ ބުރަ އަދި ނުނިމޭ ދުވަހެއްގެ މަސައްކަތް އޮންނަނީ ފެށިފައެވެ.

ގޭތެރޭގެ ޒިންމާތައް އުފުލާ ކަނބަލުންނަކީ ވަކި ޔުނީފޯމެއް އަޅައި، މުވައްޒަފު ކާޑެއް ބޭނުންކުރާ، ނުވަތަ މަސް ނިމުމުން އުޖޫރައެއް ލިބޭ ބަޔަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، އެކަނބަލުންނަކީ އެއްފަހަރާ އެތައް ދައުރެއް ފުރިހަމަކުރާ ބަޔެކެވެ. އެއީ ކައްކާއިންނެވެ، ގެދޮރު ބަލަހައްޓާ މީހުންނެވެ، އަޅާލާ މުރުޝިދުންނެވެ، މުދައްރިސުންނެވެ، ނަރުހުންނެވެ، އަދި ޢާއިލާގެ އެންމެހާ ކަންކަން ފުރިހަމައަށް ރާވާ ހިންގާ މޭސްތިރިންނެވެ. އެކަނބަލުންގެ މަސައްކަތު މައިދާނަކީ އަމިއްލަ ގެ ނަމަވެސް، އާންމު ވަޒީފާތަކާ ޚިލާފަށް މި މައިދާނަކީ ދުވަހަކުވެސް މަސައްކަތް ނިމުމެއްނެތް ތަނެކެވެ.

ނިމުމެއް ނެތް ވަގުތުގެ ތާވަލެއް

އާންމު އޮފީސްތަކުގައި މަސައްކަތް ފަށާ ވަގުތާއި، މެންދުރުގެ ހުސްވަގުތާއި، މަސައްކަތް ނިންމާ ވަގުތު ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ބުރަ ނަމަވެސް، ދުވަހުގެ މަސައްކަތް ނިންމައި ގެއަށް އާދެވޭނެ ހިނދުކޮޅެއް އޮވެއެވެ. ނަމަވެސް، ގޭގައި އުޅޭ ކަނބަލުންނަށް މިފަދަ ވަކި އިންތަކެއް ނޯވެއެވެ.

އެކަނބަލުންގެ މަސައްކަތް ފެށެނީ ފަތިހުގެ އަލިވިލުމުގެ މާ ކުރިންނެވެ. ދަރިން ހޭލައްވައި، ނާސްތާ ތައްޔާރުކޮށް، ދަބަސްތައް ތަރުތީބުކޮށް، ޔުނީފޯމްތައް އިސްތިރިކޮށް، ކުދިން ގަޑިއަށް ސްކޫލަށް ފޮނުވުމަކީ އެކަނބަލުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ހަމައެއާއެކު، ފިރިމީހާ ވަޒީފާއަށް ދިއުމަށް ބޭނުންވާ ހެދުމާއި، ކެއުމާއި، އެހެނިހެން ހުރިހާ ކަމެއް ފުރިހަމަކޮށްދެނީވެސް ހަމަ އެ ކަނބަލުންނެވެ.

ޢާއިލާގެ މީހުން ގެއިން ބޭރަށް ދިއުމަކީ މަސައްކަތް ނިމުމެއް ނޫނެވެ. ދުވަހުގެ އެންމެ ބުރަ މަސައްކަތްތައް ފެށެނީ އެހިސާބުންނެވެ. ކާތަށިތައް ދޮވުމާއި، ބަދިގެ ތަރުތީބުކުރުމާއި، ކުނިކަހައި މޮޕުލުމާއި، ފޭރާން ދޮވެ އިސްތިރިކުރުމާއި، ކޮޓަރިތަކާއި ފާޚާނާތައް ސާފުކުރުމަކީ މެދުކެނޑުމެއްނެތި ކުރަންޖެހޭ ކަންކަމެވެ. މީގެ އިތުރުން، ބާޒާރުކުރުމާއި، ކެއުންތައް ތައްޔާރުކުރުމާއި، ކަރަންޓާއި ފެން ބިލުތައް ދެއްކުމާއި، ގޭތެރެއަށް ބޭނުންވާ ތަކެތި ހަމަކުރުމުގެ އިތުރުން، ޢާއިލާގެ މެންބަރުންގެ ޞިއްޙީ އެޕޮއިންޓްމަންޓްތަކުގެ ތާވަލުތައް ބެލެހެއްޓުމަކީވެސް އެކަނބަލުންގެ ޒިންމާއެކެވެ.

އެއް މަސައްކަތް ނިމޭއިރު އަނެއް މަސައްކަތް އޮންނަނީ ފެށިފައެވެ. އެކަނބަލުންނަށް "މިއަދުގެ ޑިއުޓީ ނިމިއްޖެ" ކަމަށް ބުނާނެ އެއްވެސް ވެރިއަކު ނުހުރެއެވެ. ދަރިއަކު ބަލިވެގެން މުޅި ރޭ ހޭލާ ހުންނަން ޖެހުނަސް އިތުރުގަޑީގެ އިނާޔަތެއް ނުލިބެއެވެ. އަދި ހަފުތާ ބަންދެއް އައުމަކުން ގޭތެރޭގެ އެއްވެސް މަސައްކަތަކަށް ލުޔެއް ނުލިބެއެވެ.

ޖިސްމާނީ މަސައްކަތުގެ އިތުރުން އުފުލާ ނަފްސާނީ ބުރަ

ގޭގައި މަސައްކަތްކުރާ ކަނބަލުންގެ ޒިންމާއަކީ ހަމައެކަނި ގެދޮރު ބެލެހެއްޓުމެއް ނޫނެވެ. އެކަނބަލުންނަކީ މުޅި ޢާއިލާގެ ނަފްސާނީ ހަމަޖެހުމުގެ ބިންގަލެވެ. ދަރިއެއްގެ މޫނުމަތިން ކަންބޮޑުވުމެއް ނުވަތަ މާޔޫސްކަމެއް ފެނިއްޖެނަމަ އެކަން އެންމެ ފުރަތަމަ ދެނެގަންނާނީ މައިމީހާއެވެ. ދަރިންގެ ޝަކުވާތައް އަޑުއަހައި، ހިތްވަރުދީ، ތަޢުލީމީ ކަންކަމުގައި އެހީތެރިވެ، އެކުދިންގެ މުސްތަޤުބަލާ މެދު އަބަދުމެ ވިސްނަނީ މައިމީހާއެވެ. އެކުދިންގެ މިޒާޖަށް އަންނަ ކުދިކުދި ބަދަލުތަކާއި، ކާންބޭނުންވާ އެއްޗެއްސާއި، ބޭސްފަރުވާގެ ކަންކަން އެންމެ ރަނގަޅަށް އެނގެނީވެސް އެކަނބަލުންނަށެވެ.

ދަރިއަކު ބަލިވެއްޖެނަމަ، މުޅި ރޭ ނުނިދައި ހޭލާހުރެ، ހުންބަލައި، ބޭސްދީ ފަރުވާތެރިވަނީ މައިމީހާއެވެ. ނަމަވެސް، ވިދިގެން އަންނަ ދުވަހުވެސް ވަރުބަލިކަމަށް ބެލުމެއްނެތި، ޢާންމު އުޞޫލުން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން އެކަނބަލުންނަށް މަޖުބޫރުވެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކިތަންމެ ވަރުބަލިވެ، ހިތާމަކުރަން ޖެހުނު ނަމަވެސް، ޢާއިލާގެ ހިތްހަމަޖެހުމަށްޓަކައި އެ ހުރިހާ ކަމެއް ސިއްރުކުރެއެވެ. ގިނަ މައިންނަކީ އެހެން މީހުންގެ އުފަލަށް އިސްކަންދީ، އަމިއްލަ ނަފްސުގެ ޙާލަތާމެދު ވިސްނާލަންވެސް ވަގުތު ނުވާ މީހުންނެވެ.

ހިމޭން ޚިދުމަތްތެރިން

މި ކަނބަލުން ކުރާ އެންމެ މަތިވެރި ޤުރުބާނީއަކީ، އެއްވެސް ޝަކުވާއެއް ނެތި، ހިމޭންކަމާއެކު މި ބުރަ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. ވަރުބަލިވި ނަމަވެސް އެއްޗެއް ނުބުނެއެވެ. ޚިދުމަތުގެ އަގު ވަޒަންނުކުރެވޭ ހާލަތްތަކުގައިވެސް މަސައްކަތް ހުއްޓައެއް ނުލައެވެ. އަމިއްލަ ޞިއްޙަތު ގޯސްވި ނަމަވެސް، ޢާއިލާގެ ކަންކަން އިސްކޮށް ޑޮކްޓަރަށް ދެއްކުންވެސް ފަސްކުރެއެވެ.

ބައެއް ޙާލަތްތަކުގައި، ވަރުބަލިވެގެން އެކަމުގެ ވާހަކަ ދައްކާއިރަށް "މުޅި ދުވަހު ގޭގައި ހުރެގެން ކީއްވެގެންތޯ ވަރުބަލިވާންވީ" މިފަދަ ބަސްތަކުން ރައްދު ދިނުމަކީ އެކަނބަލުންގެ ހިތް ކުދިކުދިވެގެންދާ ކަމެކެވެ. ގޭގައި ހުރުމަކީ އަރާމުކުރުމެއް ނޫނެވެ. އެއީ އެއް ޒިންމާއިން އަނެއް ޒިންމާއަށް މެދުނުކެނޑި ދުވުމެވެ. ހަމަޖެހިލައިގެން އިށީނދެލާނެ ވަގުތުކޮޅެއްވެސް ގިނަ ފަހަރަށް ނުލިބެއެވެ. ގޭތެރޭގެ މަސައްކަތަކީ ތަކުރާރުވާ ކަންކަމަށް ވާތީ، ގިނަ ފަހަރަށް އެ މަސައްކަތްތައް ފާހަގަވަނީ އެކަން ނުކުރެވި އޮންނަ ހިނދުގައެވެ. ކެއުން ތައްޔާރުކުރުމަށް އެތައް ގަޑިއިރެއް ހޭދަވާއިރު، އެ ކެއުން ކައި ނިމެނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އަދި ސާފުކޮށް ތަރުތީބުކުރި ތަން ހިނދުކޮޅެއްގެ ތެރޭގައި ހަޑިވެދާނެއެވެ. ކަންކަން ފުރިހަމައަށް ހުންނައިރު އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކުނު ނަމަވެސް، ކަމެއް ކުޑަކޮށް ލަސްވެއްޖެނަމަ ފާޑުކިޔުމާއި ޝަކުވާ ވަގުތުން އަމާޒުވެއެވެ.

ދެމަފިރިންގެ ޒިންމާތަކުގެ ހަމަހަމަކަން

ގޭގައި މަސައްކަތްކުރާ ކަނބަލުންގެ ޤުރުބާނީ ފާހަގަކުރުމަކީ، ބޭރުގައި ވަޒީފާ އަދާކުރާ ފިރިހެނުން އުފުލާ ތަކްލީފުތަކުގެ އަގު ވައްޓާލުމެއް ނޫނެވެ. ފިރިހެނުންވެސް ދިގު ވަގުތުތަކެއް ވަންދެން މަސައްކަތްކޮށް، މާލީ ދަތިތަކާއި ވަޒީފާގެ ޕްރެޝަރު އުފުލައެވެ. މި ދެ ޒިންމާއަކީވެސް ޢާއިލާއަކަށް ކޮންމެހެން ބޭނުންތެރި، އެއްވަރަކަށް މުހިންމު ދެ މަސައްކަތެވެ.

މައްސަލަ އުފެދެނީ ހަމައެކަނި އާމްދަނީ ލިބޭ ވަޒީފާއަކީ "ޙަޤީޤީ މަސައްކަތް" ކަމަށް ބަލައި، ގޭތެރޭގެ ބުރަ މަސައްކަތްތަކަކީ އެއްވެސް ބުރައެއް ނެތް އާދައިގެ ކަންކަން ކަމުގައި ދެކޭ ހިސާބުންނެވެ. މުސާރައެއް ލިބުމަކީ، އެކަކުވާ ވަރުބަލިކަން އަނެކާގެ ވަރުބަލިކަމަށްވުރެ ބޮޑުވާންޖެހޭ ސަބަބެއް ނޫނެވެ. ދިގު ވަގުތު ވަޒީފާގައި ހޭދަކުރުމަށްފަހު ފިރިމީހާ ގެއަށް އަންނައިރު ވަރުބަލިވެފައި ހުންނަ ފަދައިން، ގޭގައި ހުންނަ އަނބިމީހާވެސް މުޅި ދުވަހު ދަރިން ބެލުމާއި ގޭތެރޭގެ ބުރަ މަސައްކަތްތަކުގައި އުޅެ ވަރުބަލިވާނެއެވެ. މިފަދަ ހާލަތްތަކުގައި ދެމަފިރިންވެސް ބޭނުންވަނީ އެކަކު އަނެކަކަށް އަޅާލުމާއި، ލޯތްބާއި، އަރާމުކޮށްލާނެ ވަގުތުކޮޅެކެވެ.

ހިތާމައަކީ، ބައެއް ފިރިން ގެއަށް އައުމަށްފަހު، އަނބިމީހާ އުފުލި ތަކުލީފުތަކަށް ބެލުމެއްނެތި، އޭނާގެ ހުރިހާ ޚިދުމަތެއް އަބަދުވެސް ލިބެންޖެހޭނެ ކަމަށް ދުށުމެވެ. ފިރިމީހާ އަރާމުކޮށްލަން އޮށޯވެ، ފޯނު ނުވަތަ ޓީވީ ބަލަން އިންނައިރު، ނުވަތަ ރަޙުމަތްތެރިންނާއެކު ބޭރަށް ދާއިރު، އަނބިމީހާ އަދިވެސް އުޅެންޖެހެނީ ކެއްކުމާއި، ތަންތަން ސާފުކުރުމާއި، ކުދިން ނިންދެވުމުގެ ބުރަ މަސައްކަތުގައެވެ. އަނބިމީހާ ބަލިވެ އުޅޭ ދުވަސްދުވަހުވެސް "އެހީތެރިވެދޭންވީ ކޮން ކަމެއްތޯ" އެހުމުގެ ބަދަލުގައި، "މިއަދު ކާން ހުރީ ކޮން އެއްޗެއްތޯ" އެހުމަކީ މުޖުތަމަޢުން ނައްތާލަންޖެހިފައިވާ ވަރަށް ހިތާމަވެރި އާދައެކެވެ.

އަރާމުކުރުމަކީ ކޮންމެ އިންސާނެއްގެވެސް ޙައްޤެކެވެ

ގޭގައި މަސައްކަތްކުރާ ކަނބަލުންނަކީ އަނތްބަކަށް ނުވަތަ މަންމައަކަށް ވުމުގެ ކުރިންވެސް އިންސާނުންނެވެ. އެކަނބަލުންގެ ހަށިގަނޑާއި ސިކުނޑިއަށްވެސް ކެތްކުރެވޭނެ ވަކި މިންވަރެއް އޮންނާނެއެވެ. އެކަނބަލުންގެވެސް އަމިއްލަ ޝުޢޫރުތަކާއި، އުއްމީދުތަކާއި، ޝައުޤުވެރިކަން ހުރެއެވެ.

އަރާމުކުރުމަކީ ކަންނެތްކަމެއް ނޫނެވެ. އެއީ އިންސާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަންހެނަކު ވަރުބަލިވެފައިވާ މިންވަރު ޢާއިލާއަށް އިޙްސާސްވާންޖެހެނީ، އޭނާ ބަލިވެ އެނދުމަތިވާ ހިސާބަކުން ނޫނެވެ. އަދި އެހީތެރިކަން ދޭންޖެހެނީ ހިތްފުރިގެން ރޮވޭ ހާލަތަށް ދިއުމަކުންނެއްވެސް ނޫނެވެ. އަރާމު ނިންޖެއް ނިދާލުމާއި، ރަޙުމަތްތެރިއަކާ ބައްދަލުކޮށްލުމާއި، ހިނގާލަން ދިއުމާއި، ނުވަތަ ފޮތެއް ކިޔާލުމަކީ ކުށެއްގެ ގޮތުގައި އެކަނބަލުންނަށް އިޙްސާސް ވެގެންނުވާނެއެވެ. އެކަށީގެންވާ އަރާމު ލިބުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ، ޢާއިލާއަށް ޚިދުމަތްކުރުމުގެ ރޫޙު އާލާވާނެ ކަމެކެވެ. މަންމައަކަށް ދެވޭ އެހީތެރިކަމަކީ މުޅި ޢާއިލާގެ އުފާވެރިކަމަށް ލިބޭ ބާރެކެވެ.

މީގެ އިތުރުން، ގޭތެރޭގެ މަސައްކަތަކީ ހަމައެކަނި އަންހެނުންގެ ކަމެއް ނޫންކަން ދަރިންނަށް ދަސްކޮށްދިނުން މުހިންމެވެ. ފިރިހެން އަދި އަންހެން ދަރިންވެސް އަމިއްލަ އެނދު ތަރުތީބުކުރުމާއި، ކާތަށި ދޮވުމާއި، ގޭތެރެ ސާފުކޮށް ބެލެހެއްޓުމުގައި ބައިވެރިކުރުވަން ޖެހެއެވެ. މިއީ އެކުދިންގެ ކިބައިގައި ޒިންމާދާރުކަމާއި އިޙްތިރާމްގެ މަތިވެރި ސިފަ އަށަގަންނުވާނެ ކަމެކެވެ. އަދި ފިރިމީހާ ގޭތެރޭގެ މަސައްކަތުގައި ބައިވެރިވުމަކީ އަނބިމީހާއަށް ވެދޭ ހަމައެކަނި "އިޙްސާންތެރިކަމެއް" ނޫނެވެ. އެއީ ދެމަފިރިން ގުޅިގެން އުފުލަންޖެހޭ ޢާއިލީ ޒިންމާއެކެވެ.

ޢަމަލީ ގޮތުން ޝުކުރުވެރިކަން ހާމަކުރުން

ހަމައެކަނި ދުލުން "ޝުކުރިއްޔާ" ބުނުމަކުން ނުފުދެއެވެ. ޙަޤީޤީ ޝުކުރުވެރިކަން ފެންނަންވާނީ ޢަމަލުތަކުންނެވެ.

ކެއުމަށްފަހު ފިރިމީހާ ތަށިތައް ދޮވެލުމާއި، އަނބިމީހާއަށް އަރާމުކޮށްލަން ވަގުތު ދިނުމުގެ ގޮތުން ދަރިންގެ ކަންކަމާ ހަވާލުވުމާއި، ބައެއް ވަގުތުތަކުގައި ކެއްކުމުގައި ބައިވެރިވުމަކީ އަނބިމީހާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާގެ އިޙްސާސްތައް އަހައި، ކަންބޮޑުވުންތަކަށް ކަނުލައި އަޑުއެހުމަކީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.

ހަމައެއާއެކު، އަނބިމީހާގެ އަމިއްލަ ތަޢުލީމީ އަދި ފަންނީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިތްވަރުދޭންވާނެއެވެ. ކިޔެވުމަށް ނުވަތަ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނުވަތަ އާ ހުނަރެއް ދަސްކުރުމަށް ބޭނުންވާނަމަ، އެކަމަށް މަގުފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކައިވެނިކުރުމަކީ ނުވަތަ މަންމައަކަށް ވުމަކީ، އަންހެނެއްގެ އަމިއްލަވަންތަކަމާއި ހުވަފެންތައް ފުނޑުފުނޑުކޮށްލަންޖެހޭ ސަބަބަކަށް ވެގެންނުވާނެއެވެ. މަންމައަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ދަރިންނަށް ވިސްނައިދޭންޖެހެއެވެ. އެކުދިންނަށް ލިބޭ ރީތި ހެދުމާއި، މީރު ކާނާއާއި، ހިތްފަސޭހަ ވެއްޓަކީ މީހެއްގެ ބުރަ މަސައްކަތާއި ޤުރުބާނީގެ ނަތީޖާކަން އެކުދިން ދަންނަންވާނެއެވެ.

ޢާއިލާ ގުޅުވައިދޭ މައިބަދަ

ގޭގައި މަސައްކަތްކުރާ ކަނބަލުންނަށް މަސް ނިމުމުން މުސާރައިގެ ލިޔުމެއް ނުލިބުނު ކަމުގައި ވިޔަސް، އެކަނބަލުންގެ އަގުބޮޑު މަސައްކަތް މާއްދީ އެއްވެސް މިންގަނޑަކުން ނުކިރޭނެއެވެ. އެކަނބަލުންގެ ބުރަ މަސައްކަތަކީ ގޭތެރޭގައި އަމާންކަމާއި، ލޯތްބާއި، އުފާވެރިކަން ޤާއިމުކޮށްދޭ އަސާސެވެ.

އެންމެ ފުރަތަމަ ހޭލައި، އެންމެ ފަހުން ނިދަން އޮށޯންނަނީ އެކަނބަލުންނެވެ. އަމިއްލަ އެދުންތައް ފަސްއަޅައި ފޮރުވަމުން، އެހެން މީހުންގެ ބޭނުންތައް ފުއްދައިދެނީ އެކަނބަލުންނެވެ. ވޭނާއި ވަރުބަލިކަން ހިތުގައި ވަންހަނާކޮށްގެން ތިބެ، މުޅި ޢާއިލާއަށް ހިނިތުންވުން ގެނެސްދެއެވެ. ޝަކުވާއެއް ނުކުރި ނަމަވެސް، އެކަނބަލުން ވަރުބަލިނުވަނީއެއް ނޫނެވެ. އަދި ހިނިތުންވެފައި ތިބި ނަމަވެސް، އެހީތެރިކަމަށް ބޭނުންނުވަނީއެއް ނޫނެވެ.

ކޮންމެ ފިރިއަކުވެސް، ޢާއިލާގެ އެންމެހާ ކަންކަން ފުރިހަމަކޮށްދިނުމުގައި ހުންނަ އަނބިމީހާގެ އަގު ވަޒަންކުރަންވާނެއެވެ. އޭނާގެ ޤުރުބާނީ ބަލައިގަތުމަށްޓަކައި، އޭނާ ބަލިވެ ވަރުބަލިވާންދެން މަޑުނުކުރާށެވެ. ހާލުއަހުވާލު އޮޅުންފިލުވައި، އަރާމުކުރަން ފުރުޞަތު ދީ، ޒިންމާތައް ހަމަހަމަކަމާއެކު ހިއްސާކުރާށެވެ. ކައިރީގައި ހުރި ދުވަހު އޭނާގެ މުހިންމުކަން ދަންނާށެވެ.

ގޭގައި މަސައްކަތްކުރާ ކަނބަލުންގެ މަސައްކަތަކީ މުސާރައެއް ނުލިބޭ، އަދި ބައެއް ފަހަރު ލޮލަށް ނުފެންނަ މަސައްކަތަކަށް ވެދާނެއެވެ. އެހެންނަމަވެސް، އެއީ މުޅި މުޖުތަމަޢާއި ޢާއިލާގެ ބިންގަލެވެ. އެ މަސައްކަތަކީ މަތިވެރި އިޙްތިރާމާއި، އިޚްލާޞްތެރި ޝުކުރާއި، އޯގާތެރިކަމާއި، ޙަޤީޤީ ލޯބި ޙައްޤުވެގެންވާ މަތިވެރި ޚިދުމަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް