ޢަބްދުﷲ ޝަރީފު
ޢަބްދުﷲ ޝަރީފު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ ޢަބްދުﷲ ޝަރީފު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަބްދުﷲ ޝަރީފް އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. މަރްޙޫމް ޢަބްދުﷲ ޝަރީފަކީ ދިވެހި ސަރުކާރަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

މީގެ ތެރެއިން 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެބޭފުޅާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ.

ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2023 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު އެބޭފުޅާއަށް އަރުވާފައެވެ.

ޢަބްދުﷲ ޝަރީފްގެ ސަރުކާރުގެ ޚިދުމަތުގެ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެބޭފުޅާއަކީ ވަރަށް ހިންގުންތެރި، އިޚުލާޞްތެރި އަދި ތެދުވެރިކަމާއެކު މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް