ފުލުހުންގެ ކުޑަކުދިންގެ ހަވީރެއް
ފުލުހުންގެ ކުޑަކުދިންގެ ހަވީރެއް
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ތެރެއިން މާލޭގައި އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

އަންނަ ހޮނިހިރު ދުވަސް (5 ސެޕްޓެމްބަރު) ގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ބާއްވާ މި ކުޑަކުދިންގެ ހަވީރަކީ، އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކާއެކު ފުލުހުންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ތަނަވަސްކޮށްދިނުމުގެ ގޮތުން ފަރުމާކުރެވިފައިވާ ހަރަކާތެކެވެ.

މާލޭގައި ފުލުހުންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ.

މީގެ އިތުރުން، އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 6 ސެޕްޓެމްބަރު 2026 ގައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމަށް "ޕޮލިސް ވޯކް އެންޑް ޓޯކް" އާއި، ކުޑަކުދިންގެ ހަވީރު އަދި "އެކުވެރިކަމުގެ ހިނގާލުން" ފަދަ ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ފުލުހުންނާއި، ފުލުހުންގެ އާއިލާތަކުގެ އިތުރުން ފުލުހުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

އެހެންކަމުން، 5 ސެޕްޓެމްބަރުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ކުދިން ގޮވައިގެން ބައިވެރިވުމަށް ފުލުހުންގެ ފަރާތުން ވަނީ އިލްތިމާސްކޮށް ދައުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް