ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މާލޭގެ ފިހާރައެއްގައި މަސައްކަތް ކުރި ސްރީ ލަންކާ މުވައްޒަފަކު، އެ ފިހާރައިން 25،000 ރުފިޔާ ވަގަށް ނަގައިގެން ރާއްޖެއިން ފުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ ލަންކާ ފިރިހެނެކެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ ފިހާރައިގެ އެ ދުވަހުގެ ސޭލްސް ފައިސާ ކަމަށްވާ 25،000 ރުފިޔާގެ އިތުރުން މޯބައިލް ފޯނެއްވެސް ވަނީ ވަގަށް ނަގާފައެވެ.

އަދި އޭނާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ހެކީގެ ގޮތުގައި، ފިހާރައިގެ ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި، ހާދިސާ ރިޕޯޓުގެ އިތުރުން އޭނާ ރާއްޖެއިން ފުރަން ނަގާފައިވާ ފްލައިޓް ޓިކެޓް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ފިހާރައިގެ އެހެން މުވައްޒަފުން ވަނީ ސީސީޓީވީ ފޫޓޭޖުން ދައްކާ މީހާއަކީ ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް، ތުހުމަތުކުރެވޭ ޗަންދްރެސްކަރަން ކޯޓުގައި ބުނެފައިވަނީ، ހާދިސާ ހިނގުމުގެ 10 ދުވަސް ކުރިން އޭނާ އެ ފިހާރައިގެ ވަޒީފާއިން ވަކިވެފައިވާ ކަމަށާއި، ވައްކަން ކުރި ކަމަށް ބުނާ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް