މަރުވި ބުޅާ
މަރުވި ބުޅާ
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ސިލްސިލާ ހަމަލާތަކަކާއި، އެ ޤައުމުގެ ހާއްސަ ސިފައިންގެ ފައުޖުތަކުން ޣައްޒާ ސިޓީއަށް ވަދެގަނެ އިއްޔެ ހިންގި ނުރައްކާތެރި އުދުވާނުގައި ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ހިންގި މި ޤަތުލުއާންމުގެ ތެރޭގައި އާންމު ރައްޔިތުންގެ އިތުރުން ބުޅަލެއްވެސް ވަނީ މަރުވެފައެވެ

މި ހާދިސާއިން ހާމަވެގެންދަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަމުން އިންސާނުންގެ އިތުރުން ކުށްނެތް ޖަނަވާރުތައްވެސް ސަލާމަތްނުވާ ކަމެވެ.

ޣައްޒާގެ ތަންތަނަށް ބޮންއަޅައި، ވަދެގަންނަމުންދާ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުން އެއްވެސް ދިރޭފުރާނައެއް އިސްތިސްނާއެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. އަދި އާންމު ދިރިއުޅުމުގެ އުމްރާނީ ވަސީލަތްތަކާއި ގެދޮރު ސުންނާފަތިވެ، މުޅި ޣައްޒާ ވަނީ ބޮޑު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. ޣައްޒާ ސިޓީއަކީ އެ ސަރަހައްދުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާއިރު، މި ހަނގުރާމައިގައި މެދުކެނޑުމެއްނެތި އެންމެ ބޮޑެތި ހަމަލާތަކާއި ވަދެގަތުންތައް އަމާޒުވަމުންދާ އެއް ސަރަހައްދަކީވެސް އެއީއެވެ.



ކިޔުންތެރިންގެ ހިޔާލު