ދިވެހި ރުފިޔާ ނޫޓް-
ދިވެހި ރުފިޔާ ނޫޓް-
ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތައް ބޮޑުކޮށް، ޕޭމަންޓް ޚިދުމަތްތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި މި އިސްލާހުގެ ދަށުން، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ހުރިހާ ވަގުތެއްގައި ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދު ނުވަތަ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލް ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.

އެގޮތުން އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް: ކުރިން ބަހައްޓަންޖެހޭ 500،000 ރުފިޔާގެ ބަދަލުގައި 2،000،000 (ދެ މިލިއަން) ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ.

ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް: ކުރިން ބަހައްޓަންޖެހޭ 200،000 ރުފިޔާގެ ބަދަލުގައި 2،000،000 (ދެ މިލިއަން) ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ރެމިޓެންސްގެ ޚިދުމަތް: ކުރިން އޮތް 200،000 ރުފިޔާގެ ބަދަލުގައި 2،000،000 (ދެ މިލިއަން) ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ.

ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް: ކުރިން ބަހައްޓަންޖެހޭ 100،000 ރުފިޔާގެ ބަދަލުގައި 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ.

އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް: ކުރިން އޮތް 100،000 ރުފިޔާގެ ބަދަލުގައި 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

އެމްއެމްއޭއިން ބުނީ މި ގަވާއިދަށް އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ ތަންތަނަށް ދިމާވެދާނެ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ ފަދަ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްކާތެރިކަމާއެކު މެދުނުކެނޑި ޚިދުމަތްތައް ފޯރުކޮށްދެވޭނެ މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކުރުން ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ، ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މުޅި މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަކީ ވެސް މި ބަދަލު ގެނައުމުގެ މުހިންމު ބޭނުމެއް ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު