ޞާދިރު ޢަލީދީދީ   30 އޮކްޓޯބަރު 2020 - 13:33
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 18

................

[ގަޑިޖެހެނީ....އަވަހަށް ހިނގާ ދާން.] ރީޙާން ނިކުތެވެ. ކުއްޖަކު ހޯދުމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާތީ، ރީޙާން ނިކުތެވެ. ފަހަތުން ރާނިޔާވެސް ނިކުތެވެ.

ރީޙާނާއި ރާނިޔާ ސައިކަލްގައި ގޮސް ސްކޫލް ދޮރުމައްޗަށް އެރި ވަގުތު، އެސްކޫލްގެ ދިވެހި މުދައްރިސް ފުވާދު ބޭރަށް ނިކުންނަނީއެވެ.

[ރާނިޔާ....އަނެއްކާ އާ ބިޓެއް ނެގީތަ؟] ދިމާކުރާފަދަ ގޮތަކަށް ފުވާދު ބުންޏެވެ. ރީޙާން ޙައިރާންވެފައި، ރާނިޔާގެ މޫނަށް ބަލައިލިއެވެ. ކުއްލިއަކަށް ފުވާދު ބުނި އެއްޗަކުން ރާނިޔާވެސް ގަނޑުވިއެވެ.

މީގެކުރިން ފުވާދަކީ އޭނާޔާ އެފަދަ ސަމާސައެއް ކުރި މީހެއް ނޫނެވެ. ފުވާދުގެ މަޤްޞަދަކީ ކޮބައިބާއެވެ.

[މާ ނޫން ކަމަށް ހަދާފައި ބަލަން ތިޔަހުރީ އޭނަޔަށް ޝައްކުވެދާނެތީތަ؟ ބަލަ އިއްޔެ ނުވަގަޑީގައި ކެންޓީނުތެރޭ ހުރީ ކާކު ގޮވައިގެންތަ؟] ދެންވެސް ފުވާދު ސަމާސާ ހުއްޓައެއްނުލިއެވެ.

ރާނިޔާ ފުވާދާ ދިމާޔަށް މޫނު ހަދާލުމަށްފަހު، އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭރުވެސް ހުއްޓުން އަރާފައި ރީޙާން އިނެވެ.

[ފިރިމީހާޔަށް ސިއްރުން ކަންތައްތައް ކުރާއިރު، ނޭނގެދޯ އަހަރެން ކަހަލަ އަނގަގަދަ މީހުން، އެކަހަލަ ވާހަކަ ދައްކާނެ ކަމެއްވެސް.] ފުވާދު މިހެން ބުނެލާފައި ހިނގައިގެންފިއެވެ. ރީޙާން ސައިކަލް ދުއްވާލައިފިއެވެ.

ރާނިޔާ އޮފީހަށް ވަންތަނާހެން ފުވާދު އައިސް އޮފީހަށް ވަދެއްޖެއެވެ. އޭރު ރާނިޔާ ހުރީ ރުޅިއައިސް ރަތަށް އަރާފައެވެ.

[ކަލޭ ފާޑުފާޑުގެ ވާހަކަ ދައްކަނީ ކީއްވެގެންތަ؟ ކޮންއިރަކުތަ އަހަރެން ކެންޓީންތެރޭ ފިރިހެނަކާއެކު ހުރީ...ކީކޭ ހިތަށް އަރައިގެންތަ، ދެންމެ ފާޑުފާޑުގެ ވާހަކަތައް ހަދަހަދައިގެން ތި ދެއްކީ. އަހަންނަށްވެސް ފުވާދުގެ އަންހެނުން ގާތު ދޮގު ވާހަކަތަކެއް ދެއްކިދާނެ.] މާބޮޑަށް ރުޅިއައުމުގެ ސަބަބުން ރާނިޔާ ހުރީ ފެންކަޅިވެފައެވެ.

[ބަލަ ރާނިޔާ ކީކޭތަ ތިކިޔަނީ؟ އަހަރެން ކޮން ވާހަކަތަކެއް ދައްކައިގެންތަ ތިއުޅެނީ!؟ އަހަންނަކަށް ނުވިސްނޭ، ރާނިޔާ ތިކިޔާ އެއްޗެއް...މިތާ ކެންޓީނެއް ނުވެސް ހުރެއެއްނު. ކޮން ކެންޓީނެއްގެ ވާހަކަތަ....ކްލާސް ނިންމާފައި އޮފީހަށް މިވަނީ...] ޙަޤީޤަތުގައިވެސް ފުވާދު ހުރީ ވާނުވާ ނޭނގިފައެވެ.

[ދެންމެ އަހަރެންގެ ފިރިމީހާޔާއެކު ސައިކަލް މަޑުކުރި ވަގުތު، ދޮރުމަތީގައި ހުރެގެން އަހަރެންނާ ދިމާކުރީ....ފިރިމީހާޔަށް ހީވާނީ އެއީ ތެދެއްހެން...] ރާނިޔާއަށް ރޮވުނެވެ.

[މާތްރަސްކަލާނގެ ގަންދީ އަހަރެން ހުވާކުރަން. ރާނިޔާ ތިދައްކަނީ އަހަރެންގެ ވާހަކައެއް ނޫން. ރާނިޔާތީ އަހަރެން ނުލާހިކު އިޙްތިރާމްކުރާ ކުއްޖެއް. ކީއްކުރަންތަ، ރާނިޔާގެ ދެމަފިރިންގެ ދޭތެރެޖެހޭ ކަހަލަ ވާހަކަ އަހަރެން ދައްކަންވީ؟] ފުވާދު ވަރަށް ކަންބޮޑުވެއްޖެއެވެ.

ރީޙާން އޮފީހަށް ގޮސް ވަރަށް ވިސްނިއެވެ. ނަމަވެސް، އޭނާ އެވާހަކަ އިތުރު މީހަކާ ޙިއްޞާއެއް ނުކުރެއެވެ. ފުރަތަމަ އޭނާ ބޭނުންވަނީ، ކަމުގެ ޙަޤީޤަތް ހޯދާށެވެ. ވުމާއެކު، އޮފީހުގައި ބުނެފައި، އޭނާ އައީ ރަށަށެވެ. އޭނާ މަޑުކުރީ ސްކޫލާ ދިމާ އަތިރިމަތީގައެވެ. އެހެނ އިންދާ ކުއްލިއަކަށް ރާނިޔާ ސްކޫލުން ނިކުމެގެން އަތިރިޔާ ދިމާއަށް ލިންކް ރޯޑް ހުރަސްކުރާތަން އޭނާޔަށް ފެނިއްޖެއެވެ. އެވަގުތު އެހެންދިޔަ ސައިކަލަކަށް އަތް ހޫރާލުމާއެކު، އެ ސައިކަލްވެސް މަޑުކޮށްފިއެވެ. ދެން ފެނުނީ ރީޙާނަށް ކެތްކުރެވޭވަރުގެ މަންޒަރެއް ނޫނެވެ. ރާނިޔާ އެ ސައިކަލްގެ ފަހަތަށްއަރާ ސައިކަލް ދުއްވަން އިން ޒުވާނާގެ ފުރަގަހުން ބައްދައިގެންފިއެވެ. އެވަރުންވެސް އޭނާ ކެތްކޮށްގެން އިނީއެވެ. އެ ސައިކަލް ރީޙާންގެ ލޯމަތިން ގެއްލެންދެން އޭނާ އިނެވެ. އެއަށްފަހު ރީޙާންވެސްް ސައިކަލް ދުއްވާލައިފިއެވެ. ރާނިޔާމެންގެ ފަހަތުން ދިޔުމުގެ ޚިޔާލު އައީ އެހާ ހިސާބުންނެވެ. އޭނާ ބާރު ސްޕީޑްގައި ސައިކަލް ދުއްވާލައިފިއެވެ. ނަމަވެސް، އޭނާއަކަށް ރާނިޔާމެންގެ ފަސްވެސް ނުފެނުނެވެ.

ރީޙާން ދިޔައީ ގެޔަށެވެ. ނަމަވެސް، އޭނާ ގެޔަށް ދިޔައިރަކު ރާނިޔާ ގެޔަކު ނެތެވެ. ވުމާއެކު، އަނެއްކާވެސް އޭނާ ރާނިޔާމެން ސްކޫލާ ދިމާއަށް ދިޔައެވެ. ރީޙާނަށް ސްކޫލާ އަރާހަމަވެވުނު ވަގުތަކީ ރާނިޔާ ސައިކަލެއްގެ ފަހަތުން ފޭބުމަށްފަހު ސްކޫލަށް ވަން ވަގުތެވެ. ރާނިޔާ އެތެރެއަށް ވަނުމާއެކު، ދެން ފެނުނީ ފުވާދު ނިކުމެގެން އަންނަ ތަނެވެ.

[އަނހަ ރީޙާން...މިއަދު މާއަވަހަށްތަ، ރާނިޔާ ބަލައި އައިސް ތިއިނީ؟ ދެންމެ ކޮންމެވެސް ފިރިހެނަކާއެކު ސައިބޯން ގޮސްފައި އައިސް އެވަނީ....އަޞްލު އެގޮތަށް ހިލޭ ފިރިހެނުންނާއެކު ދާކަށްނުވާނެ. މިއަދު އަހަރެން އެހެން ބުނީތީ، ރުޅިއައިސްފައި ހުރީވެސް.] ފުވާދު ބުންޏެވެ.

[އޭނާ ކޮންމެ ދުވަހަކު ބޭރަށް ދަނީ ކޮންރަށަކު މީހަކާއެކުކަން އެނގޭތަ؟ ކޮންމެވެސް މީހަކާއެކު ދަނިކޮށް މިއަދު އަހަންނަށްވެސް ފެނިއްޖެ.] ރީޙާން ފުވާދު ގާތު އެއްސެވެ.

[ބޮޑަށް ލަފާކުރެވެނީ، މިއަތޮޅު ބަނދަރުގައި އޮތް މަސްބޯޓެއްގައި އުޅޭ ހުވަދުއަތޮޅު މީހަކާ.] ފުވާދު މިހެން ބުނެފައި، ވިހި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ހިނގައިގެންފިއެވެ.

ރީޙާން އަނެއްކާވެސް ދިޔައީ އޮފީހަށެވެ. ހާސްވެ ކަންބޮޑުވެފައި ހުރެމެއެވެ. ޙަޤީޤަތުގައި މިއަދު ފެނުނު މަންޒަރުތަކުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ރަފީޢު އަހަރެންގެ ބޯ ހަލާކުވެއްޖެ. މިދުނިޔޭގައި އަހަންނަށް ރަނގަޅު ގޮތެއް މެދުވެރިވާން ނެތީތަ. ފުރަތަމަ ކައިވެނި ވީ އާދަޔާ ޚިލާފު ކައިވެންޏަކަށް. މިފަހަރު މިޖެހެނީ ބޭވަފާތެރިކަމުގެ އަނދިރިކަން ދެކެން.] އޮފީހަށް ގޮސް އޮފީހުގެ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއަށް އެވާހަކަ ކިޔާނުދީ އޭނާއަކަށް ކެތެއް ނުކުރެވުނެވެ.

[ކާކު ބޭވަފާތެރިވީ...ރާނިޔާ ކީއްތަކުރީ؟] ރަފީޢު އެއްސެވެ. ރީޙާން، ރަފީޢަށް އޭނާއަށް ފެނުނު މަންޒަރާއި، ރާނިޔާ ވަޒީފާ އަދާކުރާ ސްކޫލްގެ ދިވެހި މުދައްރިސް ކިޔާދިން ވާހަކަތައް ކިޔާދީފިއެވެ.

[ފިސާރި ތެދެއް!؟ ތިޔައީ ތެދެއް ވެއްޖެއްޔާ، ރާނިޔާވެސް އަހަރެމެން ހީކުރި ކަހަލަ މީހަކަށްނުވިތާ....އެކަމަކު ބުނަން، ރީޙާން އިހަށް އަޅާނުލާތި. ފުރަތަމަ ފާރަލައި ބަލާނީ...ތިޔަހެން އެންމެފަހަރަކު ފެންނަ ކަމެއްގެ މައްޗަށް ބުރަވެ އެއްވެސް ކަމެއް ނިންމާކަށް ނުވާނެ.] ރަފީޢު ވިސްނައިދިނެވެ. ރީޙާންވެސް ނިންމީ ޙަޤީޤަތް ފުރަތަމަ ހޯދާށެވެ. ފިޔަވަޅު އަޅާނީ އެއަށްފަހުގައެވެ.

އެދުވަހު އޮފީސް ނިންމާފައި ގެޔަށް އައިއިރު ރާނިޔާ ރީޙާނަށް ކާންހަދައިގެން ހުއްޓެވެ. ރާނިޔާ އުޅޭގޮތުން އޭނާ ސިއްރުން އެއްވެސް ކަމެއް ހިންގަފާނޭހެންވެސް ހިއެއްނުވެއެވެ. އެހާވެސް ބޮޑަށް އޭނާ ރީޙާނާ އަޅާލައެވެ.

[ރީޙާން އާދޭ ކާން....މިއަދު ފުވާދު ސަމާސާއަކަށް އެއްޗެކޭ ބުނީމާ، ހިތްހަމަނުޖެހިފައިތަ ތިހުރީ...އަދި އަހަރެންވެސް މިހުރީ ނުކައި.....] ރާނިޔާ ރީޙާންގެ މޫނަށް ބަލައިލިއެވެ.

[މީހަކު ކިޔާހާ އެއްޗެއް އަހަރެން ޤަބޫލެއް ނުކުރާނަމެއްނު. ހިނގާ ކާން.] ރީޙާން ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ރަފީޢުގެ ނަޞޭޙަތުގައި ހިފައިގެން އޭނާ ބޭނުންވަނީ އަދި ކަން ހިނގާގޮތް ރަނގަޅަށް ބަލާށެވެ. ޙަޤީޤަތް ނުހޯދައި ރުޅި އިސްކޮށްފިއްޔާ، ކޮންމެފަދަ ބޮޑު ގެއްލުމަކާވެސް ކުރިމަތިވެދާނޭކަން އޭނާއަށް އެނގެއެވެ. ވުމާއެކު، އަންނަ ރުޅީގައި އެއްވެސް ކަމެއް އޭނާ ނުނިންމާނެއެވެ. ކޮންމެ ކަމަކަށްވެސް އޭނާ ވިސްނާނެއެވެ.

[އެ ފުވާދު އެއީ ވަރަށް ހެއްވާ މީހެއް. އޭނަ ވާހަކަ ދައްކާއިރު އެ ހަދަނީ ދޮގެކޭ ހީވެސްނުވާނެ.] ރާނިޔާ ރީޙާނަށް ސައި އަޅައިދެމުން ބުންޏެވެ.

އެވަގުތު ކާގޭ ކުޑަދޮރުމަތީގައި، ކުރީ ދުވަހު ރާނިޔާއާ ދިމާކުރި ބުޅާ އޮއްވާ ރާނިޔާއަށް ފެނުނެވެ. ރާނިޔާ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ދޮރުފަތް ހައްޔަރު ކުރަން ބިންމަތީގައި ބާއްވާފައި އޮތް ބަރު ނަގާފައި ބުޅަލާ ދިމާޔަށް ހޫރާލައިފިއެވެ. ނިކަން ބާރަށެވެ. މިފަހަރުވެސް ބަރު އަމާޒުވީ ބުޅަލުގެ ބޮލަށެވެ. އެޔާއެކު، ބާރު އަޑެއް ގޮއްވާލުމަށްފަހު، އޭތި ހަބަރު ހުސްވެއްޖެއެވެ. އޭތި މަރުވީއެވެ. ބުޅާ މަރުވި މަންޒަރު ފެނުމުން، ރީޙާންގެ ދެލޯ ބޮޑުވިއެވެ. އެހިނދު އޭނާގެ ހިތަށްއެރިއެވެ. ބުޅަލުގެ ސިފައިގައި މަރުވެފައި އޮތީ ލޫބާ، އޭނާޔާ ލޫބާގެ ދަރިފުޅު ކަމަށް ބުނާ ކުއްޖާބާއެވެ؟ އެވަގުތު ލޫބާގެ ގިސްލުމުގެ އަޑު ރީޙާންގެ ކަންފަތުގައި ޖެހިއްޖެއެވެ. ނަމަވެސް، ލޫބާގެ އަޑެއް ރާނިޔާއަކަށް ނީވޭނެއެވެ.

ވުމާއެކު އަވަސް ގޮތަކަށް ކާލައިގެން، އެބަ އަންނަމޭ ބުނެފައި ރީޙާން ގެއިން ނިކުތެވެ. ރާނިޔާވެސް ކައިގެން ތަށިތައް ނެގުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އޭގެކުރިން ބުޅާ ކަނޑަށް އެއްލާލުމަށް ރާނިޔާ ރީޙާން ގާތު ބުންޏެވެ.

ރީޙާން ފުރަތަމަ ދިޔައީ އޭނާއާއި ލޫބާ ބައްދަލުވާ ތަނަށެވެ. އޭނާ ދިޔައިރު މަރުވެފައި އޮތް ބުޅާ ކުރިމަތީގައި ބާއްވައިގެން އިނދެ ލޫބާ ރޮނީއެވެ.

[ބަލަ! ބުޅަލެއް މަރުވީމާ ތިވަރަށް ރޯންވޭތަ؟ ހާދަ މޮޔައޭދޯ؟] ރީޙާން ލޫބާގެ ކުރިމައްޗަށް ހުއްޓުނެވެ.

[ބުޅަލެކޭ....މީ ބުޅަލެއްތަ...މިއީ އަހަންނާ ރީޙާންގެ ލޯބީގެ ނިޝާން. ރާނިޔާ އެސޮރު މަރާލީ. އަހަރެން ރާނިޔާއަށް މަޢާފެއް ނުކުރާނަން.] ލޫބާ ގިސްލަ ގިސްލާފައި ރޮނީއެވެ.

[ބަލަ ރާނިޔާ، ތި ބުޅާ މަރާލީ، ބުޅަލެއް ކަމަށް ހީކޮށޭ. ތިކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް. ފުރަތަމަ ދުވަހު ތިބުޅާ ކޮޓަރިތެރެ ހަޑިކުރީ...] ރީޙާން ރާނިޔާ ދިފާޢު ކުރިއެވެ.

[ބަލަ ރީޙާން، ބުޅަލެކޭ ތިކިޔަނީ، މިއީ ހަމަ ރީޙާންގެވެސް ދަރިޔޭ....ބުޅަލެއްގެ ސިފަޔަށް ބަދަލުވީމާ. އަހަންނަކީވެސް ބުޅަލަކަށް ބަދަލުވެދާނޭ މީހެއް.] ލޫބާ މިހެން ބުނި ވަގުތު، މަރުވެފައި އޮތް ބުޅާ އެ ބަދަލުވީ، ފަސްއަހަރަށްދާ ފިރިހެން ކުއްޖަކަށެވެ. ނަމަވެސް އެކުއްޖާގެ ފުރާނައެއް ނެތެވެ. ރީޙާން ދެލޯ ބޮޑުކޮށްގެން ފަހަތަށް ޖެހުނެވެ. ލޫބާ، އޭނާގެ ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑުގައި އޮޅުލައިގަތެވެ. ބާރުބާރަށް ރޮމުންނެވެ.

[ތިކަމުގެ ރުޅި ރާނިޔާއަށް ނުބާލާތި...މިހާރު ތިސޮރު ތިޔަ އޮތް ސިފައިގައި އޮތްނަމަ ރާނިޔާގެ އެ ޙަމަލަ އަމާޒެއްނުވީސް. ތިކުއްޖާ މަރާލީ ލޫބާ....] ރީޙާން މިހެން ބުނެފައި ހިނގައިގެންފިއެވެ.

[އަހަރެންގެ ދަރިފުޅު މަރާލި މީހަކަށް އަހަރެން މަޢާފެއް ނުކުރާނަން. އާނ މަޢާފެއް ނުކުރާނަން. އަހަންނާ ރީޙާންގެ ލޯބީގެ ހަނދާންތައް އެދިޔައީ....] ލޫބާ ރޮމުން ދިޔައެވެ. ނަމަވެސް، ރީޙާން މަޑެއްނުކުރެއެވެ. އެވަގުތު ފަހަތުން ބާރުގަދަ އަޑެއް އިވުނީމާ، އޭނާ ފަސްއެނބުރުނެވެ. އެވަގުތު ރީޙާނަށް ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ލޫބާ އޭނާގެ ދަރިފުޅާއެކު މައްޗަށް އަރައިގެންދަނީއެވެ.

ރީޙާން ގެޔަށް އައިއިރު ރާނިޔާއާއި ރީޙާންގެ މަންމަމެން އެ ބުޅާ ގެއްލިގެން އެވާހަކަ ދައްކަނީއެވެ. އެމީހުން ރީޙާން ވަނުމާއެކު، އެ ބުޅާ ކުއްލިއަކަށް ގެއްލިއްޖެ ވާހަކަ ބުނެފިއެވެ.

[އަހަރެން އޭތި ގެންގޮސް ކަނޑަށް އެއްލާލައިފިން.] ރީޙާން ދޮގުހެދިއެވެ. ލޫބާޔާމެދު މަންމަމެން ޝައްކުކޮށްފާނެތީއެވެ.

[އަހަރެން ހީކުރީ ރީޙާން އޭތި ނުގެންދާ ކަމަށް. ބިރުން ކިރިޔާ ހަލާކުނުވީ.] ރާނިޔާ ބުންޏެވެ. ރީޙާންވަނީ ކޮޓަރިޔަށެވެ.

މިހާރު ލޫބާ އެހުންނަނީ ރާނިޔާގެ ކިބައިން ބަދަލު ހިފުމަށްޓަކައި ވަަރަށް ބޮޑަށް ބޭނުންވެފައެވެ. އޭނާގެ ލޯބިވެތި ދަރިފުޅު މަރާލީ ސީދާ ރާނިޔާއެވެ. ވުމާއެކު، ރީޙާން ކޮންމެ އެއްޗެކޭ ބުންޏަސް، ރާނިޔާއަށް ދޫދޭކަށް އޭނާ ޤަޞްދެއް ނުކުރެއެވެ. ރާނިޔާ އެހުރީ އޭނާގެ ލޯބިވެސް ފޭރިގެނެވެ. ވުމާއެކު، އޭނާގެ އުފާތަކަށް ހުރަސްއެޅި އިންސާނަކަށް އުފަލުގައި އުޅުމަށް ފުރްޞަތުދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

[އަހަރެން ބަދަލުހިފާނަން....އަދިވެސް ރީޙާނަށް ދަރިޔަކުވެސް ވިހާނަން.] ރީޙާނާއި ރާނިޔާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން ކޮޓަރީގައި ހުރެ، ލޫބާ ހިތާހިތާ ކިޔާލިއެވެ.

ޖެހިގެން އައި ދުވަހުވެސް ރާނިޔާ ސްކޫލަށްދިޔައީ ރީޙާނާ އެކުގައެވެ. ނަމަވެސް، މިއަދަކު ދޮރުމައްޗަކު ފުވާދެއް ނެތެވެ. އެއީ ރާނިޔާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. ރާނިޔާ ފޭބުމާއެކު، ރީޙާން އޮފީހަށް ދިޔުމަށްޓަކައި ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.

އެޔާއެކު ސްކޫލް އޮފީހަށް ވަން ރާނިޔާ ބޭރަށް ނިކުމެއްޖެއެވެ. އެވަގުތު ސައިކަލެއްގައި ޒުވާން ފިރިހެނަކު އައިސް އެތަނަށް މަޑުކޮށްލައިފިއެވެ. ރާނިޔާ އެރީ އެ ސައިކަލްގެ ފަހަތަށެވެ. އޭނާ އެ ސައިކަލް ފަހަތަށް އެރީ ނިކަން ގައިގޯޅިކޮށެވެ. އެއީ ކޮންމެވެސް ކަމެއްގައި ރީޙާންގެ ރަޙްމަތްތެރިޔާ ހައިޝަމް ގަމަށް ދިޔުމަށްޓަކައި ދަތުރުކުރަމުން އައިސް، އެސްކޫލާ އަރާ ހަމަވި ވަގުތެވެ.

ފެނުނު މަންޒަރުގެ ސަބަބުން ހައިޝަމްގެ ސައިކަލްގެ ސްޕީޑް މަޑުކުރިއެވެ. އެއަށްފަހު، ރާނިޔާ އިން ސައިކަލްގެ ފަހަތުން ދުއްވަން ފެށިއެވެ. ރާނިޔާ އިން ސައިކަލް ދުއްވަމުން ގޮސް އެވަނީ މީހުން ނޫޅޭ ފަޅު ސަރަޙައްދެއް ކަމުގައިވާ ގައުކަނޑި ސަރަޙައްދުގެ ވަލުތެރެޔަށެވެ. ހައިޝަމް އޭނާގެ ސައިކަލްވެސް ހިސާބަކަށް ވަލުތެރެޔަށް ވައްދާލުމަށްފަހު، އެމީހުންގެ ފަހަތުން ހިނގައިގެންފިއެވެ. އޭގެކުރިން، ހައިޝަމް، ރީޙާނަށް ގުޅާފައި އޭނާގެ ސައިކަލް ހުރި ދިމާއަށް އައިސް ވަލުތެރެއަށް ވަނުމަށް ބުންޏެވެ. ރާނިޔާއާއި އޭނާއާއެކު އައި ޒުވާން ހުއްޓުނީ ހިޔާބޮޑު ގަސްތަކެއްގެ ތެރެއަށެވެ. އޭރު އެމީހުން ފަހަތުން އެމީހުންނަށް ނުފެންނާނޭހެން ހައިޝަމް ހުއްޓެވެ. ދެން ފެންނަން ފެށީ ހައިޝަމަށް ޤަބޫލުކުރަންދަތި، ޙައިރާންކަން ގެނުވި މަންޒަރުތަކެކެވެ.

ރާނިޔާ އޭނާ ލައިގެންހުރި ފޭރާންތައް ބޭލީ ހައިޝަމް ބަލަންހުއްޓައެވެ. މިހާރު އެ ޒުވާނާގެ ގަޔަކުވެސް ފޭރާމެއް ނެތެވެ. އެއީ ރީޙާނަށްވެސް އެތަނަށް އާދެވުނު ވަގުތެވެ. ފެނުނު މަންޒަރާއެކު ރީޙާނަށް ހީވީ މުޅި ދުނިޔެވެސް އޭނާޔާއެކު އެނބުރިގަތްހެނެވެ. އޭނާގެ ޙަލާލު އަނބިމީހާގެ ފަރާތުން ފެންނަމުން އެދަނީ، މުޑުދާރު ޢަމަލުތަކެކެވެ. އޭނާގެ އަންބެއްގެ މަޤާމުގައި ހުރެމެ، ހިލޭ ފިރިހެނަކާއެކު ގުޅުން އުފައްދަމުން ދަނީއެވެ. އެއީ ކޮންކަހަލަ އަންހެނެއްބާއެވެ. ރީޙާންގެ ކުރިމަތީގައި އޭނާ އުޅޭގޮތުން ރީޙާންވަރެއް ނެތް ފަދައެވެ. އޭނާ ބުނަންވެސް ބުނެއެވެ. އޭނާއަށް ރީޙާންވަރެއް ނެތެވެ. އޭނާ ރީޙާންދެކެ ފިސާރި ލޯބިވެއެވެ.

އެ މަންޒަރު ބަލަން ރީޙާނަށް ކެތްކުރެވުނީ ވަކިވަރަކަށެވެ. އޭނާ އަޑުގެކޮޅަށް ހަޅޭއްލަވައިގެންފިއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޙައުލަތު

01-Nov-2020

ކުރިއަށް އޮތް ބާކޮބާތޯ



ޓްރެންޑިން