ޒުވާން ޚަޠީބުންގެ ދަސްވެނިވުމުގެ ރަސްމީޔާތެއްގެ ތެރެއިން
ޒުވާން ޚަޠީބުންގެ ދަސްވެނިވުމުގެ ރަސްމީޔާތެއްގެ ތެރެއިން
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހާސިންތާއަކީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މުސްތަޤްބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފޯރުކޮށްދިނުމުގައި އިސްނަގައިގެން މަސައްކަތްކުރާ ޒުވާން ޚަޠީބުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ޚާއްޞަ ބައްދަލުވުމެކެވެ. މި މަހާސިންތާގެ ޚާއްޞަ މެހުމާނެއްގެ ގޮތުން މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. ޔާސިރު އައްދައުސަރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޒުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކުގެ އިތުރުން، އުމުރުން 30 އަހަރު ނުފުރޭ، މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވަމުން ގެންދަވާ ޒުވާނުންނަށެވެ.

މީގެއިތުރުން، ހުޅުމާލޭގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މި ހުރިހާ ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް، ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. އެގޮތުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކުރެވިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދަތުރުފަތުރުގެ ދަތިތަކާއި އިމްތިޙާންތަކާ ގުޅިގެން ބައެއް ޒުވާނުންނަށް މިފަހަރުގެ މަހާސިންތާގައި ބައިވެރިނުވެވުނު ނަމަވެސް، 300 އަށް ވުރެ ގިނަ ޚަޠީބުން މި ބައްދަލުވުމުން ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ޙާފިޡުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި 322 ޙާފިޡުން ތިބިއިރު، ރިޔާސީ މި ދައުރު ނިމުމުގެ ކުރިން އެ އަދަދު 500 އަށް އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުވެސް އިތުރު ޙާފިޡުންތަކެއް ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޙާފިޡުންނަށް ދައުލަތުން ދޭ އިނާޔަތް ދެގުނައަށް ބޮޑުކުރައްވައި، ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތުތައް ފުޅާކުރައްވާފައެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން 30 ރަށެއްގައި މިހާރުވެސް ގޮފިތައް ހިންގަން ފަށާފައިވާއިރު، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމާއި 38 ތަނެއް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. މީގެއިތުރުން ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ޤުރްއާން ކިޔަވައިދިނުން ހިމެނުމާއި، ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް