ރައީސް ވަޒީރުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ވަޒީރުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް ރިވެތި އަޚްލާޤު އަލުން އިޔާދަކުރުމަށްޓަކައި 5 އަހަރުގެ ޤައުމީ މަޝްރޫޢެއް ހިންގެވުމަށް ނިންމަވައި، މި ނިންމެވުމުގެ އިތުރު ތަފްޞީލުތައް ސަދުކާރުން ހާމަކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި ހިނގާ މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޤައުމީ މަޝްރޫޢުގެ މައިގަނޑު ޝިޢާރަކީ "އިޙުތިރާމުގެ އުފާ: މުޖުތަމަޢުގެ ނަފާ" އެވެ.

މި މަޝްރޫޢު ހަރުދަނާކަމާއެކު ރާވައި، މެދުކެނޑުމެއްނެތި ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި މި ފަންނުގެ ތަޖުރިބާ ހުރި ބޭފުޅުން ހިމެނޭހެން 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މި ކޮމިޓީގައި ދައުލަތުގެ މުހިންމު ވުޒާރާތަކާއި އިދާރާތައް ބައިވެރިވެއެވެ.

އެގޮތުން މި ކޮމިޓީގައި ހިމެނެނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަދި ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ވެސް މި ކޮމިޓީގައި ހިމެނެއެވެ.

މީގެ އިތުރުން، އިޙުތިރާމް އަދާކުރުމުގެ މުހިންމުކަން މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި އަހަރަކު އެއްފަހަރު ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި 5 އަހަރު ދުވަހުގެ މި ބޮޑު މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ ވެސް އެ ދުވަހުއެވެ. މި މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އަދަބުއިޙުތިރާމް ވަރުގަދަކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް