އީރާނުން އަތުލައިގަތް އެމެރިކާގެ ސަބްމެރިން.
އީރާނުން އަތުލައިގަތް އެމެރިކާގެ ސަބްމެރިން.
ދާދިފަހުން އީރާނުގެ އަސްކަރިއްޔާއިން އަތުލައިގަނެފައިވާ އެމެރިކާގެ އޮޓޮނޮމަސް އަންޑަރވޯޓަރ ވެހިކަލް (އޭޔޫވީ) އަކީ ކަނޑުމަތީގެ ބޮޑެތި މަނަވަރުތަކާއި ކަނޑުއަޑީގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންދީ ފައްތާލުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ އުޅަނދެއްކަން ހާމަވެއްޖެއެވެ.

ޒަމާނީ ނުރައްކާތެރި ޓެކްނޮލޮޖީ އެކުލެވޭ މި އުޅަނދަކީ ދުޝްމަނުންގެ އުޅަނދުތަކަށް އަމާޒުކޮށް ސީދާ ހަމަލާދިނުމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މި އޭޔޫވީގެ އެންމެ ހާއްސަ އެއް ގާބިލުކަމަކީ އޭގެ އެތެރޭގައި ހުންނަ ޖާގަ ބޭނުންކޮށްގެން ކަމިކާޒޭ ޑްރޯން ނުވަތަ "ލޮއިޓަރިންގ މިއުނިޝަންސް" ލޯންޗުކުރުމުގެ ގާބިލުކަމެވެ.

މި ހަތިޔާރުތަކުގެ އެހީގައި ކަނޑުމަތީގައިވާ ބޯޓުފަހަރުގެ އިންޖީނުގެއާއި ރާޑަރު ސިސްޓަމްތަކަށް ސީދާ އަމާޒުކޮށް ހަމަލާދީ، އެ އުޅަނދުތައް ނުކުޅެދޭ ހާލަތަށް ގެނެސް ސުންނާފަތިކޮށްލެވެއެވެ.

މީގެއިތުރުން، ކަނޑުގެ 6000 މީޓަރު އަޑިއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާތީ، މަނަވަރުތައް ދަތުރުކުރާ ސަރަޙައްދުތަކުގައި ސިއްރިއްޔާތުގައި ގޮވާތަކެތި އަތުރައިގެންވެސް ހަމަލާދެވިދާނެއެވެ.

މިފަދަ އެޑްވާންސްޑް ޓެކްނޮލޮޖީއެއް އެކުލެވޭ އުޅަނދެއް އީރާނުގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން ބައިނަލްއަޤްވާމީ ދިފާޢީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީރާނުން މި އުޅަނދުގައިވާ ރާޑަރަށް ނުފެންނަ "ސްޓެލްތު" ޓެކްނޮލޮޖީއާއި ހަމަލާދޭ ނިޒާމުތައް ދެނެގަނެ، އަމިއްލައަށް މިފަދަ ހަތިޔާރު އުފައްދަން ފަށައިފިނަމަ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަމަށް، ހާއްސަކޮށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް މާހިރުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު