ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫ
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫ
އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ނިޔަތުގައި ދައްކަވާ ވާހަކަތަކެއް ކަމަށްވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ރައްދު ދެއްވައިފިއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް މިފަދައިން ރައްދު ދެއްވީ، ކުރިން ހައުސިން މިނިސްޓްރީ ހިންގި ގްރީން ބިލްޑިންގުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އަރިސް ބޭފުޅެއް ކަމަށް ވިދާޅުވެ ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

ނަމަވެސް، އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދެއްވުމަށް ހާޒިރުވާން އެންގުމުން، އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ފަހުން ވިދާޅުވެފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކެމެރާ ކުރިމަތީގައި އަދި ލައިވް ޓީވީގައި ވަކި ކަންކަމުގެ މައުލޫމާތު ހުރި ކަމަށް ވިދާޅުވުމަށްފަހު، ރަސްމީ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަންޖެހޭ ހިސާބުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ބުނުމަކީ ސިޔާސީ ލީޑަރުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ކުރައްވަމުންދާ ކާމިޔާބު މަސައްކަތްޕުޅުތަކުގެ ސަބަބުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް ބަނަކަމެއް އައިސްފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ބަނަކަން ފިލުވައިލުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކާ އެފަދަ ހަގީގަތެއް ނެތް ވާހަކަތަކާމެދު އާންމު ރައްޔިތުން ދެވަނަ ފަހަރަށް ވިސްނާލަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ރައްޔިތުންނަށް އެފަދަ ވާހަކަތަކުގެ އަސާސެއް ނެތްކަން ވިސްނޭނެ ކަމަށާއި، އެއީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށްވިދާޅުވެ، އޭނާ ވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު