އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށީގެ ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި (ކީވޯލް) ލުމާއި އެންކަރ ބްލޮކް އެޅުމުގެ އެންމެހައި މަސައްކަތްތައް ކާމިޔާބުކަމާއެކު އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެއްގަމުތޮށީގެ 207 މީޓަރުގެ ސަރަޙައްދުގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ. އަދި މިހާރު އެ ސައިޓުގައި ބާރަށް ކުރިއަށްދަނީ ބްލޮކް ލައިން އެލައިންމަންޓް ރަނގަޅުކުރުމުގެ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 66.40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އޮޅުވެލިފުށީގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، ޒަމާނީ ފެންވަރުގެ ރައްކާތެރި ބަނދަރެއް ޤާއިމުކޮށްދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ފުޅާ ދާއިރާއެއްގައި ބަނދަރު ފުންކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އެގޮތުން 19,857 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ އިތުރުން، މެއިންޓެނަންސް ޑްރެޖިންގގެ ދަށުން 7,534 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގޮނޑުދޮށް ރައްކާތެރިކުރުމުގެ ގޮތުން 246 މީޓަރުގެ އެއްގަމުތޮއްޓަކާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، 164 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި އެތެރެއާއި ބޭރު ހިމެނޭހެން 156 މީޓަރުގެ ދެ ވެލި ބޭރުތޮށި (ސޭންޑް-ފިލްޑް ބްރޭކްވޯޓަރ) އެޅުމާއި، 1,149 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން 132 މީޓަރުގެ ޖެޓީއަކާއި، 27 މީޓަރުގެ ބްރިޖެއް އަދި 11 މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މުޅި މަޝްރޫޢު ނިމިގެންދާއިރު ނެރުބައްތި އާއި ބަނދަރު ސަރަޙައްދުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދާ އެލައިންމަންޓް މަސައްކަތްތަކާއެކު، މުޅި މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާރުދުވެލީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް