ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ބޭންކުން ބުނީ، މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި، ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލުން ކަމަށެވެ. ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ބޭންކުން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންގ ބްރާންޗް ތަކަކަށް ބަދަލުކޮށް، އެ ބްރާންޗްތަކުން މިހާރު ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ ހިދުމަތްތަކަށް އިސްކަންދީގެންނެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝަރީޢާ އާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

"2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ޚިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވޭ. މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކަށް ބަދަލު ގެނައުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްދޭ ބީއެމްއެލް އިން ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ. އާންމު ފަރުދުންގެ ބޭންކިންގ ޚިދުމަތްތައް އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގ ފުޅާކުރުމަށް ބީއެމްއެލް އިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް