ބޭންކުގެ އީ-ކޮމާސް ހިދުމަތް ބޭނުން ކުރަނީ. ފޮޓޯ: ބީއެމްއެލް
ބޭންކުގެ އީ-ކޮމާސް ހިދުމަތް ބޭނުން ކުރަނީ. ފޮޓޯ: ބީއެމްއެލް
ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ އުސޫލަކުން ލިމިޓްތަކެއް ކަނޑައަޅައި، އެކަމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. މި އާ އުސޫލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ޚިދުމަތް ހޯދަމުންދެއެވެ. މިގޮތުން މި އަހަރު އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް ކުރެވެމުންދާއިރު، ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރުގެ މިންވަރު ވަނީ ބޭންކަށް ލިބެން ހުރި މިންވަރަށްވުރެ ބޮޑަށް އިތުރުވެފައެވެ.

މިކަމުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބޭންކުން ބުނެއެވެ. އެހެންކަމުން، ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ރުފިޔާ ކާޑުތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައަޅައި، ވަކިވަކި ދާއިރާތަކަށް ދުވާލަކު ބޭނުންކުރެވޭނެ އަދަދުތައް ވަނީ ބަހާލާފައެވެ.

ދާއިރާތަކަށް ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތަފްސީލު:

އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ހިމެނޭ ގޮތަށް ބޭންކުން އާންމުކުރާ 150 ޕްލެޓްފޯމަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މެޓަ (ފޭސްބުކް، އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).

ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). މީގެއިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ.

ޒަރޫރީ ސަބްސްކްރިޕްޝަންތައް: އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).

އެހެނިހެން ވިޔަފާރިތައް: މަތީގައި ބަޔާންކޮށްފައި ނުވާ އެހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު).

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް އެއްވެސް މާޗަންޓް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި މިފަދަ ޒަރޫރީ ބޭނުންތައް މެދުނުކެނޑި ހަމަޖެއްސުމަށްޓަކައި ޚާއްސަ ބަފައެއް ބޭންކުން ދަމަހައްޓާނެއެވެ.

ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ޑޮލަރު ކާޑެއް ބޭނުންކޮށްގެން މުއާމަލާތް ފުރިހަމަކުރެވޭނެ ކަމަށާއި، ކޮންމެ ދުވަހެއްގެވެސް ލިމިޓް ހެނދުނު 7:00 ގައި ރީސެޓްވާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. މި ބަދަލުތަކަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ޚަރަދު ކުޑަކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް