އަހުމަދު ޔާމިން   31 އޮކްޓޯބަރު 2020 - 19:16
މާލޭ ޖަލާލުއްދީން މިސްކިތް ކަންމަތީގައި ހުރި ޢިމާރާތެއް ގަނބަމުންދާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެފައިއެވެ.

އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެ ޢިމާރާތް ގަނބަމުން ދާކަން ފާހަގަ ކުރެވުނީ ޢިމާރާތުގެ ބޭރުގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓެމުން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ޢިމާރާތުގެ އެންމެ ތިރީގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުވެސް ވަނީ ފުނޑުފުނޑުވެގެން ބިންމައްޗަށް ފައިބާފައެވެ.



"ރަސް އޮންލައިން" ގެ ފޮޓޯތަކުން ފެންނަ ގޮތުން އެ ޢިމާރާތް މިހާރުވަނީ ގަނބައިގަތުމުގެ ސަބަބުން ޖެހިގެން ހުރި ޢިމާރާތާ ކުޑަކޮށް ދުރަށް ޖެހިލާފައެވެ. އަދި އެ ސަރަޙައްދުގައި ފުލުހުންވެސް މިވަގުތު ޙަރަކާތްތެރިވަމުން އެބަދެއެވެ.



ޗާނދަނީ މަގު، އިސްކަންދަރު މަގާއި ގުޅޭ ކަންމަތީގައި ހަތް ބުރިއަށް އިމާރާތްކޮށްފައިވާ މއ. ސައިނޯސާ ގަނބައިގަތުމަށް މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިކަމާ ބެހޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު