ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޤައުމީ ކޮންގްރެސް އިފްތިތާޙު ކުރުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާޓީގެ ހުރިހާ މެންބަރުން އެކުވެރި އެއް އާއިލާއެއްގެ ގޮތުގައި ޤައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، 17 ނޮވެމްބަރު 2023 ގައި ސަރުކާރާ ޙަވާލުވިއިރު ޕީއެންސީގެ މެންބަރޝިޕް އޮތީ އެންމެ 3،000 އެއްހާ މެންބަރުންގެ ހިސާބުގައެވެ.

ނަމަވެސް، ޕާޓީގެ އާންމު މެންބަރުންނާއި އިސްފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތުން، މިއަދު އެ ޕާޓީގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް 80،000 އަށް އިތުރުވެފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ. މިއީ ޕާޓީ ވަރުގަދަކުރުމަށްޓަކައި އެންމެން ގުޅިގެން ކުރި އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ޕާޓީގެ ހުރިހާ ގުނަވަންތަކެއް އެކުގައި އެއް ރޫހެއްގައި މަސައްކަތްކޮށް، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ޕާޓީގެ ދައުރު ފުޅާކުރަންޖެހޭ ކަމަށެވެ.

އަދި އަބަދުވެސް "ޤައުމު އެންމެ ފުރަތަމަ" މިއީ ޕާޓީގެ ޝިޢާރުކަން ހަނދާނުގައި ބަހައްޓައިގެން، ރާއްޖޭގެ ސިޔާސީ މައިދާން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޕީއެންސީން ނަމޫނާ ދައްކަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ އިފްތިތާޙީ ބައްދަލުވުމަށްފަހު، ކޮންގްރެސްގެ އެޖެންޑާގައި ވަރަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޭރުގެ ޢިއްޒަތްތެރިންނާއި ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ މަންދޫބުންނާއެކު ކޮންގްރެސްގެ ރަސްމީ ފެށުމުގެ ޖަލްސާ އޮންނާނެ ކަމަށެވެ.

އަދި އެ ޖަލްސާގައި ޕާޓީއާއި ޤައުމުގެ ކުރިއެރުމާ ގުޅޭގޮތުން އިތުރު ތަފްޞީލީ ވާހަކަފުޅުތައް ދައްކަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް