ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ދަނގެތީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
އދ. ދަނގެތީގެ ބަނދަރުގެ ޖާގަ ބޮޑުކޮށް، ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ބަނދަރުގެ އެތެރެތޮށީގެ ބްލޮކް ޖެހުމުގެ އެންމެހައި މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި މަސައްކަތް ހުއްޓުމެއްނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިތުރު ސާމާނު ދާދިފަހުން ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. އެގޮތުން އިތުރު 50 ބްލޮކާއި 40 އެންކަރ ރޮޑް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މީގެއިތުރުން، ބަނދަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މުހިންމު މަސައްކަތްތައްވެސް ސައިޓުގައި މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރެވެމުންނެވެ.

ޖުމްލަ 71.16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ދަނގެތީގެ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ރަށުގެ އިޤްތިޞާދާއި ޞިނާޢީ ދާއިރާތައް ފުޅާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ނުހަނު މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ސައިޓް މޮބިލައިޒް ކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.

ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ 69,500 ކިއުބިކް މީޓަރުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ 33,600 ކިއުބިކް މީޓަރުގެ މަސައްކަތުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ 7,800 ކިއުބިކް މީޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގެ ޞިނާޢީ ސަރަޙައްދު ބަދަލުކުރުމަށްޓަކައި 35,500 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުން، ބަނދަރުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން 675 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 389 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން ދަތުރުފަތުރާއި މުދާ އުފުލުމަށް ލުއިފަސޭހަކުރުމަށްޓަކައި 35 މީޓަރު ދިގު، 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ ރީތިކަމާއި ރައްކާތެރިކަމަށްޓަކައި 3,052 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭގަނޑު ދަތުރުފަތުރު ކުރުމަށް ފަސޭހަވާނޭހެން މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު