ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ރަސްއޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ރަސްއޮންލައިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައި ދިވެހި ރައްޔިތުންނާއި ސިޔާސީ އެންމެހައި ފަރާތްތަކުން ޤައުމީ މަސްލަޙަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު އިސްކުރާ ޙާލަތުގައި ސިޔާސީ ޕާޓީތަކުގެ އަމިއްލަ މަސްލަޙަތު އޮންނަންވާނީ ދެވަނަ ދަރަޖައިގައި ކަމަށެވެ. އަދި ޤައުމު ތަރައްޤީ ކުރުމުގައި އެކި ޕާޓީތަކުގެ ވިސްނުމާއި ސިޔާސަތުތައް ތަފާތުވެދާނެ ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމެއްގައި މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކު ކަމުގައި ވިޔަސް، ޤައުމަށް ލާބައާއި މަންފާ ލިބޭ ކަންކަމުގައި އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ނުވަތަ އެހެން ޕާޓީއަކުން ނަމަވެސް ޤައުމަށް ގެއްލުންހުރި ކަމެއް ކުރާނަމަ، އެކަމާ ދެކޮޅަށް ޒިންމާދާރުކަމާއެކު ވަގުތުން އަޑުއުފުލުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ މުހިންމު ޒިންމާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީވެސް "އެންމެ ފުރަތަމަ ޤައުމު" އިސްކުރުން ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ، ޤައުމީ ލޯތްބާއި ޖޯޝާއެކު އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ޒުވާނުންނާއި، އިސްރަށްވެހިންނާއި، އަންހެނުން އަދި ފިރިހެނުން ހިމެނޭހެން އެންމެހައި ރައްޔިތުން އެކުވެރިކަމާއެކު ޤައުމީ އެޖެންޑާއައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގައިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދު އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ޚާއްޞަ ތަރުތީބަކާއި ޕްލޭނެއްގެ ދަށުން ކަމަށެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ޒިންމާދާރުކަން ކުޑަކޮށް، ޤައުމަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުންދާ ކަމުގައި ވިޔަސް، އެފަދަ ނޭދެވޭ ގޮތްތައް ދޫކޮށްލައި، އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް