ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ މައްސަލައިގައި ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކޯޓުތަކަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެ އޮފީހުން މައްސަލަތައް ދިރާސާކުރުމަށްފަހު ޝަރީޢަތަށް ހުށަހެޅި މިންވަރު ވަނީ މަހުން މަހަށް އެވްރެޖްކޮށް އިތުރުވެފައެވެ.

ފުލުހުންގެ އިދާރާއާއި އެހެނިހެން ތަޙުޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމައި ކޯޓަށް ފޮނުވުމަކީ މުޖުތަމަޢުގައި އިންސާފު ޤާއިމުކުރުމަށާއި، އަމާންކަން ދެމެހެއްޓުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި އަމާޒަށް ވާސިލުވުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 2،231 މައްސަލައެއްގައި ދައުވާކުރުމަށް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 451 މައްސަލައެއް ޝަރީޢަތަށް ފޮނުވާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 2،372 މައްސަލައެއްގައި ޝަރުޢީ މަރުޙަލާ ނިމި، ކޯޓުތަކުން ވަނީ ޙުކުމް އިއްވާފައެވެ.

މީގެއިތުރުން، މިއަހަރުގެ ތެރޭގައި 1،653 މައްސަލައެއް ޕީޖީ އޮފީހަށް ރަސްމީކޮށް ބަލައިގެންފައިވާއިރު، ތަޙުޤީޤީ އިދާރާތަކަށް ޤާނޫނީ ލަފާ ބޭނުންވެގެން ހުށަހެޅި 4،970 މައްސަލައެއްގައި އެ އޮފީހުން ވަނީ ޤާނޫނީ ލަފާ ފޯރުކޮށްދީފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، ރައްޔިތުންގެ މުދަލާއި، އަބުރާއި އަދި މުޅި މުޖުތަމަޢުގެ އަމަންއަމާންކަމާ ގުޅިފައިވާ އެންމެހައި މައްސަލަތައް ވީއެންމެ އަވަހަކަށް ތަޙުޤީޤުކޮށް ކޯޓުތަކަށް ހުށަހެޅުމަކީ އެ އޮފީހުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި ކޯޓުތަކުގައި މިހާރު ހިނގަމުންދާ ޝަރީޢަތްތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ޝަރުޢީ ދާއިރާއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މެދުކެނޑުމެއްނެތި ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ވެސް ޕީޖީ އޮފީހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް