ހދ. ހަނިމާދޫ އެފްއެސްއެމް ފިއުލް ސްޓޭޝަނެއް
ހދ. ހަނިމާދޫ އެފްއެސްއެމް ފިއުލް ސްޓޭޝަނެއް
އަތޮޅުތަކުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައި އޮންނަ އޮތުމަށް ނިމުމެއް ގެނެސް، މާލެއާ އެއް ހަމައެއްގައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، މިހާތަނަށް 7 ރަށެއްގައި ތެޔޮ ވިއްކުމުގެ ޚިދުމަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެސްޓީއޯ އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް މި މަސައްކަތް ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިއީ މުޅި ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ބަހައްޓައިގެން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރު ޚިދުމަތް ލިބެމުންދާ ރަށްތަކަކީ:

ރ. ދުވާފަރު

ބ. އޭދަފުށި

ށ. މިލަންދޫ

ހއ. އިހަވަންދޫ

ހދ. ހަނިމާދޫ

ދ. މީދޫ

ފ. ނިލަންދޫ

މީގެ އިތުރުން ނ. މަނަދޫ އާއި އދ. ދަނގެތީގެ ސްޓޭޝަންތައް ނިންމުމުގެ މަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާގައި ކުރިއަށްދާއިރު، އއ. މަތިވެރި، ވ. ފެލިދޫ، މ. މުލަކު، ތ. ހިރިލަންދޫ، ލ. ގަން، ގއ. ދެއްވަދޫ، ގދ. ފިޔޮރީ، ގދ. ފަރެސްމާތޮޑާ އަދި ސ. ހުޅުމީދޫގައިވެސް މި ޚިދުމަތް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެފްއެސްއެމްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މީގެ ތެރެއިން ގިނަ ރަށްތަކެއްގައި ޚިދުމަތް ރަސްމީކޮށް ފެށުމެވެ.

މި 18 ރަށުގެ އިތުރުންވެސް، އެ ކުންފުނިން ދަނީ އެކި ސަރަޙައްދުތަކަށް ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން ދ. ކުޑަހުވަދޫގައި ސްޓޭޝަނެއް ޤާއިމްކޮށްފައިވާއިރު، ވިލިމާލޭގެ ސްޓޭޝަންގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމުމަކާ ހަމައަށް ގޮސްފައެވެ.

ޒަމާނުއްސުރެ އަތޮޅުތަކުގެ ރަށްރަށުގައި ތެޔޮ ވިއްކަމުން އައީ އަމިއްލަ ވިޔަފާރިވެރިން ކަމަށްވާތީ، ޢާންމު ރައްޔިތުންނާއި މަސްވެރިންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައެވެ. ސަރުކާރުގެ މި އައު އިސްނެގުމާއެކު، އަތޮޅުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު ތަކުލީފަށް ދާއިމީ އަދި ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް