ޑރ. މުޙައްމަދު ޢަލީ
ޑރ. މުޙައްމަދު ޢަލީ
ދިވެހި ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި އަދި މުޖުތަމަޢަށް ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ. އަދި އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ޤަދަރުވެރި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމާއި، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ފަދަ ޒިންމާދާރު މަޤާމުތައް ފުރުއްވި ޑރ. މުޙައްމަދު ޢަލީގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އިޖްތިމާޢީ ކަންކަމުގައްޔާއި، ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާއި ތިމާވެށީގެ ދާއިރާއިން ޢިލްމީ ގިނަ ދިރާސާތަކެއް ކުރައްވައި މުޖުތަމަޢަށް އަގުހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށެވެ.



މި ހިތާމައިގެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު