މި ދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.މި ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ޒާތީ ސާފުތާހިރުކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ

1: ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.

2:ފާޚާނާކުރުމަށްފަހު އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.

3:ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި، ރޯމޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުން.

4: ކެއްކުމަށާއި ބުއިމަށް ފެން ރައްކާކުރާ ތަންތަނާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުން.

މީގެއިތުރުން، ބޭރަށްހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށްޓަކައި ލޮނުޕެކެޓު، ސޫޕް އަދި ކުރުނބާފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށާއި، ތުއްތު ކުދިންނަށް ގާތުން ކިރުދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އަދި ބޭރަށްހިންގުމާއެކު އާދަޔާ ޚިލާފަށް ކަރުހިއްކުން، ބޯއެނބުރުން، މާބޮޑަށް ވަރުދެރަވުން ނުވަތަ ގަދައަށް ބަނޑުގައި ރިއްސުން ފަދަ ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު