ވޭތުވެދިޔަ 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ސައޫދީ އަރަބިއްޔާއިން 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއްޔާގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި، ތައުލީމީ ދާއިރާ، ސިއްހީ ހިދުމަތްތައް، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ސައޫދީ ސަރުކާރުން ވަނީ ބޮޑެތި އެހީތަކެއް ވެދީފަ އެވެ. އަދި ރާއްޖެއާ އެކު އޮތް މި ގާތް ގުޅުމަކީ ސައޫދީން ރާއްޖެއަށް ކުރާ އިތުބާރާއި ރާއްޖޭގެ ތަރައްގީއަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އިސްލާމީ ކަންކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓް، ތަރައްގީ، ޓޫރިޒަމް، ތައުލީމީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސައޫދީ އަރަބިއްޔާއިން އަބަދުވެސް ބޮޑު ޝައުގުވެރިކަމެއް ބަހައްޓާ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެންމެހައި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުން މިގޮތުގައި ދެމެހެއްޓުމަށް ބޭނުންވާކަން ސަފީރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ސައޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އާލް ސައުދާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައޫދީގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމަކީ، ދޭދޭ ގުޅުން ވަރުގަދަކޮށް އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ލީޑަޝިޕުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދިން މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހަމައެއާއެކު، ދާދި ފަހުން ސައޫދީ އަރަބިއްޔާގެ އިންވެސްޓަރުންގެ ވަފުދެއް ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ އައު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު ފުރުސަތެއްގެ ގޮތުގައި ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ވަނީ ފާހަގަކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް