ހއ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ހއ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ބަނގުރާ ބޮއެގެން ހުރެ ފުލުހަކަށް ހަމަލާދީ، ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ހއ. އިހަވަންދޫ، ނެދުންގެ، އާމިރު ޢަބްދުއްރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، 27،950 (ސައްބީސް ހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހީމް ނިންމެވި މި މައްސަލައަކީ 12 އޮގަސްޓް 2024 ވަނަ ދުވަހު ހއ. އިހަވަންދޫ ފިނިރޯޅިގޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތަކެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ދުވަހުގެ ހަވީރު 15:50 ހާއިރު ފުލުހުން އެ ގެއަށް ދިޔައިރު، އާމިރު އޮތީ މަސްތުގެ ހާލަތުގައި އެގޭގެ ފެންޑާ ތެރެއަށް ވެއްޓިފައެވެ. ފުލުހުން އޭނާއަށް ގޮވައި، ފުލުހުންގެ މަރުކަޒަށް ދިއުމަށް އެންގުމުން، ކުއްލިއަކަށް ތެދުވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދެކޮޅުވެރިކަން ދައްކައި، އެގޭގައި ތިބި މީހުންނާ ދިމާއަށް އަޑުގަދަކޮށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވެއެވެ.

އަދި އޭނާ ކޮންޓްރޯލްކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި، ފުލުހެއްގެ ކަނދުރާމަތީގައި ޖަހައި، އެ ފުލުސް މީހާގެ ވާތު ފައިގެ ކަށިމަތީގައި ފަސް ވަރަކަށް ފަހަރު ކޮޅުފައިން ޖަހައި ހަމަލާދީފައިވެއެވެ. މީގެ އިތުރުން، އެ ގޭގައި ތިބި މީހުންނަށާއި ފުލުހުންނަށް އަމާޒުކޮށް މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރުވެސް އޭނާ ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މި މައްސަލައިގައި އާމިރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ޤާއިމުކޮށް، އަވަސްނިޔާގެ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެފައެވެ. އެހެންކަމުން، ކޯޓުން އަވަސްނިޔާގެ އުސޫލުން މައްސަލަ ނިންމައި ކަނޑައެޅި އަދަބުތަކަކީ:

ބަނގުރާ ބުއިމުގެ ކުށަށް: 450 ރުފިޔާގެ ޖޫރިމަނާއެއް.

އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށަށް: 900 ރުފިޔާގެ ޖޫރިމަނާއެއް.

ގައިގައި އަތްލުމުގެ ކުށަށް (ފުލުހަކަށް ހަމަލާދިނުމުން): 26,600 ރުފިޔާގެ ޖޫރިމަނާއެއް.

ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅާފައިވަނީ ވެވުނު އިޢުތިރާފުގެ އެއްބަސްވުމަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން، ބަނގުރާ ބުއިމާއި ބިރުދެއްކުމުގެ ކުށުގެ ޖޫރިމަނާ ފައިސާ މި ހިނގާ މަހުގެ 30 ގެ ކުރިން މީރާއަށް ދައްކަންޖެހެއެވެ. އަދި ފުލުހަކަށް ހަމަލާދިން މައްސަލައިގެ ޖޫރިމަނާ ފައިސާ، 31 މާރިޗު 2027 ގެ ކުރިން ދައްކައި ޚަލާޞްކުރުމަށް ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް