ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ، މާރާމާރީ ހިންގުމަށްފަހު އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުން ފައިސާ ފޭރިގެންފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 06:04 އެހައިކަންހާއިރު ކަމަށެވެ.

މަޑުއްވަރީގައި އަންހެނަކު ބިންމައްޗަށް ވައްޓާލައި، އޭނާގެ އަނގަމަތީގައި އަތްއަޅައި މާރާމާރީ ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އަންހެން މީހާގެ އަތުން ފޭރިގަތް ފައިސާތައް ބިންމައްޗަށް ވަނީ ބުރައިގެން ގޮސްފައެވެ. އަދި ވީޑިއޯގެ އަޑުން އެނގޭ ގޮތުގައި އަންހެން މީހާގެ އަތުން ފޭރެން މަސައްކަތްކުރީ ބިދޭސީއެކެވެ. ނަމަވެސް، އެ އަމަލު ހުއްޓުވާފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި ހުރި ދިވެހި ފިރިހެނެކެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލާއި، އޭނާގެ އަތުން ފޭރިގަތް ފައިސާގެ އަދަދު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް