ޞާދިރު ޢަލީދީދީ   2 ނޮވެމްބަރު 2020 - 14:0
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 21

................

[އާނ...އަހަރެން ކޮންމެހެން ރަށަށް އައިސް މިހުރީވެސް ނަޝްވާއާ ދިމާކުރަންވެގެން.] ފުރްޤާން ރީޙާންގެ މޫނަށް ބަލައިލިއެވެ.

[އެއީ!؟ ފުރްޤާން ކީއްކުރަންތަ، އޭނަޔާ ބައްދަލުކުރަނީ!؟] ރީޙާން ކުޑަކޮށް ޙައިރާންވިއެވެ.

[އަވަށްޓެރި ރައްޓެހި ކުއްޖަކު ޑޮކްޓަރަކަށްވެގެން އަންނާތީ ބައްދަލުކުރަން ބޭނުންވަނީ.] ފުރްޤާން ހީލިއެވެ.

[އެހެންދޯ؟ އަހަރެން ހީކުރީ އަނެއްކާ ފުރްޤާންވެސް ނަޝްވާއަށް ހިތްކީ ކަމަށް. އަނެއްކާ އެހެން ނަހަދައްޗޭ.] ރީޙާން ހީގަތެވެ.

އެރެއެވެ. ދުވަސްވަރަކީ ހަނދުމަހެއްގެ މެދުތެރޭގެ ދުވަސްތަކަށްވުމުން، އާދަކާދައިގެ މަތިން ހާރޫނުބެ ކޮންމެ ރެޔަކުވެސް އަތިރިޔަށް ފައިބަނީ ކޮންމެހެން ގޭގައި ފާޚާނާއެއް ނުހުންނާތީކީ ނޫނެވެ.

އާދައިގެ މަތިން މުންޑު އަރުވާޖަހައިގެން ދިޔަރެސް ކައިރިއަށް އޭނާ އެ ތިރިވީ ބޮޑުރާޅެއް އަންނާނީ ކޮން ވަގުތެއްގައިކަން އެނގިގެނެއް ނޫނެވެ. މިހާރުވެސް އެ ޢުމުރުގެ ވަރަށްގިނަ ބަޔަކު ރަށުގެ ފުއްޓަރު ފަރާތު އަތިރިޔަށް ފައިބައި އުޅެއެވެ. ވެދާނެއެވެ. އާދަކާދަ ދިރުވުމަކީ، އެ ޢުމުރުގެ މީހުންގެ އުފަލަކީއެވެ.

މި އާދައިގައި ހާރޫނުބެ އަތިރިޔަށްދާތީ، ބައެއް ރޭރޭ އޭނާގެ އަނބިމީހާ ދޮންދީދީ އެކަމާ ދެކޮޅުވެސް ހަދައެވެ.

އޭރު ތަންކޮޅެއް ދުރުގައި އެ ޢުމުރުގެ އެހެން ފިރިހެނަކު ހުއްޓެވެ. ލޮނުގަނޑު ކެކިގަތުމަށްފަހު ލޮނުގަނޑު އުފުލެން ފެށީ ހާރޫނުބެ ތާހިރުވާން އުޅެނިކޮށެވެ. ކުއްލިއަކަށް ނެގި ބިޔަ ރާޅު އެ ބިންދާލީ ހާރޫނުބެ މޫނަށެވެ. އެޔާއެކު ހާރޫނުބެ އިދިފުށަށް ވެއްޓުނެވެ. ހަޅޭއްލަވައިގަތުމާއެކު، ހާރޫނުބެ ތެދުވަން މަސައްކަތްކުރި ވަގުތު ދެން ބިންދާލީ ކުރިޔަށްވުރެންވެސް ބޮޑު ބިޔަ ރާޅެކެވެ. އެ ރާޅުގެ ބާރު އޮޔާއެކު، ހާރޫނުބެ ލޮނުގަނޑުތެރެޔަށް ދަމައިގަތީ ނިކަން ބާރަށެވެ. އޭރު އެ ރާޅުގައި ޖެހުނީ ހާރޫނުބެ އެކަންޏެއް ނޫނެވެ. އެ ސަރަޙައްދުން ދެން ފެނުނު މީހާވެސް އެ ރަޙުމެއް ނެތް ރާޅުގެ ޝިކާރަޔަކަށްވިއެވެ.

ނަމަވެސް އަދިވެސް ހާރޫނުބެ މަސައްކަތް ކުރަމުން އެދަނީ ސަލާމަތްވުމަށެވެ. ދޭތެރެޔަކުން ހާރޫނުބެ ލޮނުގަނޑު ތެރެއިން ބޯހިއްލާލައެވެ. ނަމަވެސް، ސަލާމަތްވުމުގެ އެއްވެސް މަގެއް ހާރޫނުބެއަކަށް ނުފެނުނެވެ. އެރޭ އެ ރާޅު ރަށުގެ ވަރަށް އެއްގަމަށް އެރިއެވެ. އެހެންވުމާއެކު، އެ ސަރަޙައްދުގައި ހުރި ބައެއް ގޭގެ ގޯތިތެރެޔަށްވެސް ލޮނުގަނޑު ވަދެފައިވެއެވެ. ނަމަވެސް ރަށުތެރެޔަށް ރާޅު އަރައިފިކަން ބަޔަކަށް އެނގުނީ އިރުއެރިފަހުންނެވެ. އޭރު ހާރޫނުބޭގެ އަންހެނުން ދޮންދީދީ ހާރޫނުބެ އެރޭ އަތިރިޔަށްދިޔަ ގޮތަށް ގެޔަށް ނާންނާތީ ހިސާބުގަނޑުގެ ބައެއް މީހުނާއެކު ހޯދަމުން ދަނީއެވެ.

ރަށުތެރެޔަށް ރާޅު އަރައިފިކަމާއި، ހިސާބުގަނޑު ބައެއް ގޭގެ ގޯތިތެރެޔަށް ލޮނު ވަދެފައިވާކަން ދޮންދީދީމެނަށް އެނގުނީ އަތިރިޔަށް ފޭބީމައެވެ. އެޔާއެކު، ދޮންދީދީގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާ ހާސްވެ ކަންބޮޑުވާން ފަށައިފިއެވެ.

[މަގޭ ހާރޫނު....] ރާޅުޖަހާ ހިސާބު ދޮންދީދީ ހޯދަން ފެށިއެވެ. ދެން ތިބި މީހުންވެސް އެ ސަރަޙައްދު ހޯދަމުންދިޔައެވެ.

[އެއޮތީ އެ ގާފުނިތެރޭގައި މީހަކު.] ކުއްލިއަކަށް މީހަކު ގޮވާލި އަޑަށް އެންމެން އެދިމާޔަށް ދުއްވައިގެންފިއެވެ. އެމީހާ އޮތީ އަނގަވަތަށެވެ.

[ހާރޫން....ހާރޫން...] ދޮންދީދީ ބާރުބާރަށް ރޯންފެށިއެވެ. އެވަގުތު އެތަނުން މީހަކު، ހާރޫނުބޭ ކަމަށް ހީކުރެވުނު މީހާ އަނެއްފުށަށް ޖެހިއެވެ. އެއީ އަދި ހާރޫނުބެއެއް ނޫނެވެ. އެއީ އެ ސަރަޙައްދު ގެއެއްގައި އުޅޭ ބަންގްލަދޭޝް ފިރިހެނެކެވެ.

[ހާރޫނުބެ މިއޮތީ....] އެވަގުތު ތަންކޮޅެއް ދުރުން މީހަކު ގޮވި އަޑަށް އެންމެން އެއްފަހަރާކަހަލަ ގޮތަކަށް އެދިމާއަށް ދުއްވައިގެންފިއެވެ. އޭރު އައްޑުއަތޮޅުގައި ޙަރަކާތްތެރިވާ ފުލުހުންވެސް އެ ސަރަޙައްދަށް އައިސް ހޯދަމުން ދަނީއެވެ. ހާރޫނުބެވެސް އޮތީ ބަންގްލަދޭޝް މީހާއެކޭ އެއްފަދައިން މަރުވެފައެވެ. މާގިނައިރުތަކެއްނުވެ އައްޑޫގައި ޙަރަކާތްތެރިވާ ނޫސްވެރިންނާއި، ޢާންމުން އައިސް އެ ސަރަޙައްދު ފުރާލައިފިއެވެ.

ޖެހިގެން އައި ދުވަހު ނިކުތް ބައެއް ނޫސްތަކުގައި، އައްޑުއަށް އުދައަރައި ދެމީހަކު މަރުވެއްޖެ ކަމަށް ލިޔެފައިވާއިރު، އަނެއްބައި ނޫސްތަކުގައި އައްޑުއަތޮޅު ހިތަދުއަށް ރާޅުއަރައި، ބޮޑެތި ގެއްލުންތައްވެ، ދެމީހަކު މަރުވެއްޖެ ކަމަށް ލިޔެ، ނޫސްތައް ފަޅުފިލުވާފައިވެއެވެ. ބައެއް ނޫސްތަކުގައި، މަރުވި ދެމީހުންގެ ފޮޓޯ ޖަހާފައިވާއިރު، އަނެއްބައި ނޫސްތަކުގައި ރާޅުއެރިގޮތް ކުރަހައި ދައްކައިދީފައިވެއެވެ.

އެރޭ ރާޅު އަރާފައިވަނީ އައްޑުއަތޮޅުގެވެސް ހިތަދުއަށް އެކަންޏެވެ. އެހެން އެއްވެސް ރަށަކަށް އުދައިގެ އަސަރެއް ނެތެވެ.

[ހާރޫނުބެ އެދިޔައީ...ހާރޫނުބެ އަންހެނުން ބުނީ، ކޮންމެ ރެޔަކުވެސް ޤަވާޢިދުން އަތިރިޔަށްދާ ކަމަށް. އޭނާ ދިޔަނުދޭން މަސައްކަތްކުރާ ކަމަށްވެސް ހާރޫންބޭ އަންހެނުން ބުނި.] ހައިޝަމް ވާހަކަ ދެއްކީ ރީޙާނާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ހައިޝަމްގެ ބައްޕަގެ ފިހާރައިގައެވެ.

[ދެން އަހަރުމެން ތަވީދެއް ލިޔުއްވަން ދާނީ ކާކު ކައިރިއަށް. އަދިވެސް ރަނގަޅު މީހަކު ލިބޭނީ މިރަށުން. ރަނގަޅު ފަންޑިތަވެރިން އުޅޭނީ މިރަށުގައި.] ރީޙާން ބުންޏެވެ.

[ތަންކޮޅެއް ހަރުމީހަކާ ވާހަކަ ދައްކަން ޖެހޭނީ. އަހަރެން އެކަމާ އުޅޭނަން. މިއަދު ރީޙާން އޮފީހަށްވެސް ނުދާ ދުވަހަކީތަ؟] ހައިޝަމް އެއްސެވެ.

[ނޫނޭ...އޮފީހުގައި އުޅެފައި މިއައީ...އެނގޭތަ މިމަހު އެއްކަލަ ނަޝްވާ އެބަ އާދޭ. މިހާރު ޑޮކްޓަރ ނަޝްވާ. އަހަންނާ ހަމަޔަށް އަރާނެބާ؟] ރީޙާން ބުންޏެވެ.

[ތަޤްދީރު ރޭވެމުންދާ ގޮތެއް ނޭނގޭނެ. ފަހަރެއްގައި އޭނަވެސް ރީޙާނަށް އިންތިޒާރު ކޮށްފާނެ. އޭނަ އެހެން ބައިވެރިޔަކު ހޯދައިގެންވެސް އަތުވެދާނެ. ގިނަފަހަރަށް ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ކުދިން އަންނަނީ ބައިވެރިޔަކު ޚިޔާރުކޮށްގެން. ނަޝްވާވެސް އެގޮތަށް ޢަމަލުކޮށްފާނެކަންނޭނގެއެއްނު.] ހައިޝަމް ބުންޏެވެ. ނަމަވެސް، އެގޮތް ޤަބޫލުކުރާކަށް ރީޙާން ބޭނުމެއް ނޫނެވެ.

[އަހަންނަށް ބޮޑަށް ބެލެވެނީ ނަޝްވާ އަހަންނަށް ލިބޭނެ ކަމަށް. އަހަރެން ދާނަން އޭނާ ބަލާ އެއަރޕޯޓަށްވެސް.] ރީޙާން ބުންޏެވެ.

[އަހަރެންވެސް އެދެނީ ރީޙާނަށް ކާމިޔާބު ލިބުމަށް. އިރާދަކުރެއްވިއްޔާ ލިބޭނެ....ހިނގާ ކޮފީއަކަށް....ނުދާނަންތަ؟] ހައިޝަމް ފިހާރައިން ނިކުތެވެ. އޭނާގެ ފަހަތުން ރީޙާންވެސް ނިކުމެއްޖެއެވެ.

[ކޮންތާކަށް ދާނީ؟] ހައިޝަމްގެ ފަހަތުން ނިކުންނަމުން ރީޙާން އެއްސެވެ.

[އަހަރެން ގެޔަށްދާނީ...ޝީނާ ނުލާހިކު މީރުކޮށް ކޮފީ ހަދާނެ. ގޭދޮށު ސަރަޙައްދުން ފަހަރެއްގައި ރާނިޔާވެސް ފެނިދާނެކަންނޭނގެ.] ހައިޝަމް ސައިކަލް ދުއްވާލިއެވެ. ރީޙާންވެސް އޭނާގެ ސައިކަލް ދުއްވާލައިފިއެވެ.

[ވަރަށްފަހުން މަގުމަތިން ދުށިން ރާނިޔާ. އަހަރެން ގޮވާލީމާ އަޅައެއްވެސްނުލި. މޫނު ހަދާލާފައި ހިނގައިގަތީ....ހީވަނީ އޭނަގެ ބައްޕަ ވަރަށް ބޮޑަށް އޭނަގެ ބޮލަށްވަނީހެން.] ރީޙާން ބުންޏެވެ.

ރީޙާންމެނަށް ރާނިޔާ ފެނުނީ ރީޙާންމެން ހައިޝަމްގެ ގެޔަށް ވަންނަން އުޅުނު ވަގުތުއެވެ.

[ރާނިޔާ...މަޑުކޮށްބަލަ...އަހަންނަށް މަޢާފްކޮށްފާނަންތަ؟] ރީޙާން މިހެން ބުނީމާ، ރާނިޔާ ކުޑަކޮށް މަޑުޖެހިލުމަށްފަހު ރީޙާންގެ މޫނަށް ބަލައިލިއެވެ.

[އަހަރެން ވަރިކުރަން ދިމާވި މައްސަލައަށް އަހަރެން މަޢާފްކޮށްފާނަން. އެކަމަކު ކައިވެނީގެ ކުރިން ދިމާވެފައިވާ ކަންތައްތައް ސިއްރުކުރި ކުރުމަށް މަޢާފެއް ނުކުރެވޭނެ. ރީޙާނަކީ ޖިންނި އަވަލި، ޖިންނިއަކާ ކައިވެނިކުރި މީހެއްކަން، ކުރިން އެނގުނުނަމަ، ހަމަގައިމުވެސް އަހަރެން ރީޙާނާ އިންނަން އެއްބަހެއްނުވީމުސް. އަހަރެން ދަނީ....އަހަރެން މިއުޅެނީ އެހެން މީހަކާ އިންނަން...] ރާނިޔާ މިހެން ބުނެފައި ގޮސް އެހިސާބުގަނޑުގައި ހުރި އޭނާގެ ގެޔަށް ވަނެވެ.

[މީހަކާ އިންނާށޭ!؟] ރީޙާނަށް ހިތާހިތާ ކިޔާލެވުނެވެ.

[އެއީ މައްސަލައެއް ނޫން. އަވަހަށް ވަންނަން އުޅޭ. ދެން އޭނަޔާ ދޭތެރޭ ރީޙާން ވިސްނުމުގެ ބޭނުމެއް ނެތް. ނަޝްވާ ކާމިޔާބު ކުރެވެނިކޮށް، ހުރިހާ ކަމެއްވެސް ހަމަޖެހިދާނެ.] ހައިޝަމް އެތެރެއަށް ވަނެވެ.

[ޝީނާ...ވަރަށް އަވަހަށް ޝީނާގެ ސްޕެޝަލް ކޮފީ ހަދާބަލަ.] ރީޙާނާއި ހައިޝަމް ސޯފާގައި އިށީނެވެ.

[ރީޙާން..ރާނިޔާ މީހަކާ އިންނަން އުޅޭކަން އެނގޭތަ؟] ކޮފީ ގިރަން ބަދިގެފަރާތަށް ހިނގައިގަންނަމުން ޝީނާ ބުންޏެވެ.

[އާނ...ދެންމެ ބުނި އެވާހަކަ. އަހަންނަށް މައްސަލައެއް ނެތް، އޭނަ މީހަކާ އިނަސް.] ރީޙާން ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޑޮކްޓަރުކަން ކިޔަވައިގެން ނަޝްވާ މާލެ އައިސް، ޢާއިލާއާއި ރައްޓެހި ރަޙްމަތްތެރިންނާ ބައްދަލުކުރުމަށްޓަކައި މާލެއިން އައްޑުއަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ.

[މިހާރު ނަޝްވާ މާލެ އަތުވެދާނެ. ހިނގާބަލަ ނަޝްވާގެ ގެޔަށް ގޮސް، އޭނާގެ މީހަކު ކުރެން އަހާލަން، ނަޝްވާ އައްޑުއަށް އަންނަ ދުވަސް.] ރީޙާން ވާހަކަ ދެއްކީ އޭނާޔާއެކު އޮފީހުގައި އުޅޭ ރަޙްމަތްތެރިޔާ ރަފީޢާއެވެ.

[މައްސަލައެއް ނެތް ހިނގާ. އަހަރެން ގޮސް އަހާލަފާނަން. އެގޭ މީހުންވެސް އޭނަ އަންނަންވާއިރަށް ވަރަށް ބޮޑަށް އެބަ ތައްޔާރުވޭ. ލިންކް ރޯޑްގައި ކުޑަކުޑަ ދެބުރި ޢިމާރާތެއް ހަދާ ނިންމައިފި. ހީވަނީ ކްލިނިކެއްހެން.] ރަފީޢު ބުންޏެވެ.

އެދުވަހު ރަފީޢާއި ރީޙާން އެކުގައި ނަޝްވާގެ ގެޔަށް ދިޔައެވެ.

[އައްސަލާމް ޢަލައިކުމް...] އެގޭ ދޮރުމައްޗަށް އަރައި ރީޙާން ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއް ސަލާމް.] ސަލާމް ބަލައިގަތުމަށްފަހު، ބޭރަށް ނިކުތީ ނަޝްވާގެ މަންމައެވެ.

[އަހަންނަކީ ނަޝްވާގެ ކްލާސްމޭޓެއް. ނަޝްވާ މިކޮޅަށް އަންނަ ދުވަހެއް އެނގޭތަ؟] ރީޙާން އެއްސެވެ.

[މާދަމާރޭގެ ފްލައިޓުން އެބަ އާދޭ. މިހާރު މާލެ އައިތާ ދެދުވަސް ވެއްޖެ. ނަޝްވާ ބޭރުގައި ހުއްޓާ ނުގުޅަންތަ؟] ނަޝްވާގެ މަންމަ ބުންޏެވެ.

[ނޫނޭ ގުޅަން. ދެން ދަނީ ޝުކުރިއްޔާ.] ރީޙާން ހިނގައިގެންފިއެވެ. ރީޙާން ވަގުތުން ހައިޝަމަށް ގުޅާފައި، އެ ޚަބަރު ދިނެވެ. އަދި ރަނގަޅު ފެންވަރުގެ މާބޮނޑިއެއް ތައްޔާރު ކުރުމަށްވެސް އޭނާ ނިންމިއެވެ.

[ރަފީޢު...އަހަރެން ދަނީ. ރަނގަޅު މާބޮނޑިއެއް ތައްޔާރު ކުރެވޭނީ، ވަރަށް މަސައްކަތް ކޮށްގެން. އަހަންނާ ހައިޝަމް ޖެހޭނީ، މާމެލާމެލި ހޯދަން މުޅި އަތޮޅު ކުޑަކުރަންކަންނޭނގެ.] ރީޙާން މިހެން ބުނީމާ، އެންމެ ރަނގަޅޭ، ދާށޭ ބުނެފައި، ރަފީޢު އޮފީހަށް ވަނެވެ.

އައިލެންޑް އޭވިއޭޝަންގެ ޑޭޝް އަށެއް މަރުކާގެ ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ވަގުތު ރީޙާން މާމެލާމެލީގެ ގުލްދަސްތާއެއް ހިފައިގެން ޓަރމިނަލް ކުރިމަތީގައި ހުރިއިރު، ފުރްޤާންވެސް މާބޮނޑިއެއް ހިފައިގެން ޓަރމިނަލް ކުރިމަތީގައި ހުއްޓެވެ.

[ފުރްޤާން...ތީ ކާކަށް ދޭން ގެނެސްގެން އުޅޭ މާބޮނޑިއެއް؟] ރީޙާން ފުރްޤާނުގެ ގާތަށް ޖެހިލަމުން އެއްސެވެ.

[އަހަރެންގެ ހިތް އެދޭ ބައިވެރިޔާއަށް. އޭނަވެސް އެބަ އާދެޔޭ.] ފުރުޤާން ޖަވާބު ދިނެވެ.

[އެހެންތަ...މިރޭ ފުރުޤާންގެ ލޯބިވެރިޔާވެސް ފެންނާނެތާ. މިހާރު ނިކުންނަން ކައިރިވަނީ. ހިނގާބަލަ ތަންކޮޅެއް އެތެރެޔަށް.] ރީޙާން ކުޑަކޮށް އެތެރެޔަށް ޖެހިލިއެވެ. ފަހަތުން ފުރުޤާންވެސް އެތެރެޔަށް ޖެހުނެވެ. އެއީ ފްލައިޓުން އައި މީހުން ނިކުންނަން ފެށި ވަގުތެވެ. ކުއްލިއަކަށް ދެލޯ ދިގުވެފައި ތިބި ރީޙާނާއި ފުރްޤާނުގެ ދެލޯ ފުންމާލި ކަހަލައެވެ. ޔޫރަޕްގެ ދޮން ފިރިހެނެއްގެ އަތުގައި ހިފައިގެން ޑޮކްޓަރ ނަޝްވާ ނިކުންނަނީއެވެ. ފެނުނު މަންޒަރާއެކު، ރީޙާނާއި ފުރުޤާންގެ އަތުގައި އޮތް މާބޮނޑި ބިންމައްޗަށް ވެއްޓުނެވެ.

ޑޮކްޓަރ ނަޝްވާ، އޭނާގެ ޢާއިލާގެ މެމްބަރުންނަށް އެ ޔޫރަޕް މީހާ ތަޢާރަފްކޮށްދީ، އެމީހާޔަށް އޭނާގެ ޢާއިލާގެ މެމްބަރުންނާއި ރައްޓެހިން ތަޢާރަފްކޮށްދެމުން ދިޔައެވެ. އެހިނދު ރީޙާނާއި ފުރުޤާން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެއްފަރާތަށް ޖެހިލިއެވެ.

[ފުރުޤާން...ކަލޭ ލޯބިވާ މީހަކީވެސް ނަޝްވާތަ!؟] ވައިއަޑުން ރީޙާން އެހިއެވެ. ފުރުޤާން އާއެކޭ ބުނީ، ބޮލުގެ އިޝާރާތުންނެވެ. ރީޙާންގެ ދެލޯ ބޮޑުވިއެވެ. ޙަޤީޤަތުގައި އޭނާ ކުރި އުއްމީދު ފެނަށްވެގެން ދިޔުމުގެ ސަބަބުން އޭނާޔަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

[އަހަރެމެން މިތާނގައި ތިބުމުގެ ބޭނުމެއް ނެތް....ހިނގާ ދަމާ...] ފުރުޤާން ހިނގައިގަތެވެ. އެވަގުތު ޑޮކްޓަރ ނަޝްވާ ގޮވިއެވެ. ނަޝްވާ އަނގައިން ބުނެލިކަންވެސް ރަނގަޅޭ ހިތަށްއަރައި، ރީޙާނާއި ފުރުޤާން އެނބުރުނެވެ.

[ރީޙާން...ފުރުޤާން މާއަވަހަށް ތިޔަދަނީޔޯ.] ރީޙާންމެނާ އަރާހަމަކުރަމުން ނަޝްވާ ވާހަކަ ދެއްކިއެވެ.

[އަހަރެން ގާތު އިންތިޒާރު ކުރާށޭ ބުނީމާ، އަހަރެން އިންތިޒާރު ކުރިން. އެކަމަކު ނަޝްވާ ތިޔައައީ ބައިވެރިޔަކުވެސް ގޮވައިގެން...ކާކުތަ އެއީ!؟] ރީޙާން ބަލައިލީ ދުރުގައި މަޑުކޮށްގެންހުރި ބޭރުމީހާގެ މޫނަށެވެ.

[އެވެދާނެއެއްނު، ފްރެންޑަކަށްވެސް. އެއީ އަހަންނާއެކު ޑޮކްޓަރުކަން ކިޔެވި ކެނެޑާ މީހެއް. އޭނައަށް ކިޔަނީ ޖޯޖް.] ނަޝްވާ ޖޯޖް ތަޢާރަފްކޮށްދިނެވެ.

[އަހަރެން މިރޭ ތިގެޔަށް ދާނަން. މިވަގުތު ދަނީ. ފުރުޤާން އަހަރެން ދަނީ....] ރީޙާން ދުރުގައި ހުރި ޖޯޖާ ދިމާއަށް ލޯއަޅާލަމުން ހިނގައިގެންފިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން